ޚަބަރު
ޓްރޭޑްމާކް ބިލުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްކުރަން ޝައުގުވެރިކަން އުފެދޭނެ: ސަޢީދު

އިކޮނޮޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު

ފަރުދުން
16 ޖުލައި 2025، 12:39
16 ޖުލައި 2025، 12:39
ހުލާސާ
ޓްރޭޑްމާކް ބިލުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްކުރަން ޝައުގުވެރިކަން އުފެދޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްއަށް ދޫކުރެއްވި ޕޯސްޓެއްގައި ސަޢީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން އިއްޔެ ހުށަހެޅި ޓްރޭޑްމާރކާއި ބެހޭ ބިލަކީ ނުގެނެވި ލަސްވެފައިވާ، ރާއްޖޭގެ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އިތުބާރު އުފެއްދުމަށް ނުހަނު ބޭނުންތެރި އަދި މުހިއްމު ބިލެއް ކަމަށް ވިދާޅުވެފައެވެ. މި ޤާނޫނު ވުޖޫދަށް އައުމުން ރާއްޖޭގެ ވިޔަފާރީގެ މާޙައުލަށް ވިޔަފާރިތަކުންކުރާ އިތުބާރު އިތުރުކޮށްދީ، ފިކުރީމުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން ދޭ އަހްމިއްޔަތުކަން ހާމަކޮށްދޭކަމަށް ސަޢީދު ވިދާޅުވެފައި ވެއެވެ. އަދި މިއީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށްވެސް މުހިއްމު ބިލެއްކަން ފާހަގަކުރައްވާފައިވެ އެވެ. އަދި މިއީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސް ދެކިވަޑައިގަންނަވާ ތަސައްވަރު ޙަޤީޤަތަކަށްވުމަށް އެކަށޭނަ ފިޔަވަޅެއްގެ ގޮތުގައި ވެސް ސަޢީދު ސިފަކުރައްވާފައި ވެއެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް، ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމެވެ. އަދި ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާ ގުޅިގެން އެޓްރޭޑްމާކްގެ ވެރިފަރާތަށް ލިބޭ ޙައްޤުތަކުގެ ދާއިރާ ބަޔާންކުރުމާއި، ޓްރޭޑްމާކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާ ގޮތުން "ޓްރޭޑްމާކް" ކަމުގައި ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ޚިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްޤު ލިބޭނީ އެ ޓްރޭޑްމާކެއް ރަޖިސްޓްރީ ކުރުމުންނެވެ. ރަޖިސްޓްރީ ކުރެވިފައިވާ ޓްރޭޑްމާކެއްގެ ވެރިފަރާތެއްގެ ހުއްދައާ ނުލައި، އެ މާކަކާ އެއްގޮތް ނިޝާނެއް ނުވަތަ އެ މާކް ނިސްބަތްވާ މުދަލާއި ޚިދުމަތާ އެއްގޮތް އެއްޗެއް ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނެފަދަ ޙާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ޙައްޤު ޓްރޭޑްމާކް ރަޖިސްޓްރީ ކުރާ ފަރާތަށް ލިބޭނެއެވެ.
މި ބިލުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ޓްރޭޑްމާކްގެ ޙައްޤަކަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި މައްސަލައެއްގައި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި މައްސަލަ ލަސްވުމުގެ ސަބަބުން ޓްރޭޑްމާކްގެ ވެރިފަރާތަށް އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ޙާލަތެއްގައިވެސް، މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެއް ނެތި ވަގުތީ އަމުރެއް ކޯޓަށް ނެރެވޭނެއެވެ. ޓްރޭޑްމާކްގެ ޙައްޤަކަށް އަރައިގެންފައިވާކަން ސާބިތުވާނަމަ، އެ ޓްރޭޑްމާކެއްގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ކޯޓަށް ކަނޑައެޅިދާނެއެވެ.
މީގެ އިތުރުން މި ބިލުގައި، ރާއްޖޭގައި ކައުންޓަރފީޓްކުރުން ނުވަތަ ޓްރޭޑްމާކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މިފަދަ އަމަލެއް ކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 2000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.