ޚަބަރު
ސަރުކާރުން ސްކޮލާޝިޕްތަކަށް 83 މިލިޔަން ރުފިޔާ ދޫކޮށްފި

އެމްއެންޔޫ ގްރެޖުއޭޝަން ޕްރޮގްރާމެއްގެ ތެރެއިން

ފަރުދުން
16 ޖުލައި 2025، 02:57
16 ޖުލައި 2025، 02:57
ހުލާސާ
ސަރުކާރުން މިއަހަަރުގެ ިމިހާތަނަށް ސްކޮލާޝިޕްތަކަށް 83 މިލިއަން ރުފިޔާ ދޫކޮށްފި ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
ސަރުކާރުން ދޫކުރާ ސްކޮލާޝިޕްތަކުގެ ދަށުން، މިހާތަނަށް ޖުމްލަ 332،306،239.01 ރުފިޔާ ދަރިވަރުންނަށް ދޫކުރެވިފައިވާއިރު، މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 83،389،345.01 ރުފިޔާ ދޫކުރެވިފައިވާ ކަމަށް މިނިސްޓްރީން މިއަދު ޢާންމުކުރި ތަފާސް ހިސާބުގައި ދައްކާފައިވެ އެވެ.
މިވަގުތު ސަރުކާރުން ދޫކުރާ ސްކޮލާޝީޕްގެ ދަށުން މަތީ ތަޢުލީމު ހާޞިލުކުރަމުންދަނީ ޖުމްލަ 735 ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރޭގައި، 256 ފިރިހެން ދަރިވަރުން އަދި 479 އަންހެން ދަރިވަރުން ހިމެނެއެވެ.
މިހާތަނަށް ސަރުކާރުން ދޫކުރާ ސްކޮލާޝީޕްގެ ދަށުން، ޖުމްލަ 131 ދަރިވަރުން ވަނީ މަތީ ތަޢުލީމު ހާޞިލުކޮށް ދަސްވެނިވެފައެވެ. އަދި މި ސްކީމްގެ ދަށުން މި އަހަރު މިހާތަނަށް ދަސްވެނިވެފައިވާ ދަރިވަރުންގެ އަދަދަކީ 27 އެވެ.
ސްކޮލާޝިޕް ސްކީމްގެ ދަށުން ރާއްޖެ ހިމެނޭހެން ޖުމްލަ 27 ޤައުމެއްގައި މިވަގުތު ދިވެހި ދަރިވަރުން ކިޔަވަމުންދާ ކަމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައި ވެއެވެ.