ޚަބަރު
ރެހެންދި ސްކޫލްގެ ގައިޑުންނަށް އަލިފާނުން ރައްކާތެރިވުމާ ގުޅޭ ތަމްރީނެއް ބާއްވައިފި

ރެހެންދި ސްކޫލްގެ ގައިޑުންނަށް ބޭއްވި ސެޝަން، ފޮޓޯ: އެމްއެންޑީއެފް

ފަރުދުން
17 ޖުލައި 2025، 08:55
17 ޖުލައި 2025، 08:55
ރެހެންދި ސްކޫލްގެ ގާރލްގައިޑު ދަރިވަރުންނަށް އަލިފާނުން ރައްކާތެރިވުމާ ގުޅޭ ތަމްރީން ސެޝަނެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބާއްވައިފިއެވެ.
އިއްޔެ ބޭއްވި މި ސެޝަންގައި އަލިފާނުގެ ހާދިސާތަކާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ.
މީގެ އިތުރުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި ފަޔަރ ބްލޭންކެޓް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވެސް މި ސެޝަންގައި ވަނީ ދަސްކޮށްދީފައެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ފަޔަރ ޑިޕާޓްމަންޓުގެ ފަޔަރފައިޓަރުން ކިޔަވައިދިން މި ކުލާހުގައި، އެ ސްކޫލުގެ 68 ގާލް ގައިޑުންނާއި 7 ޓީޗަރުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފްއިން އަންނަނީ އަލިފާނުގެ ހާދިސާތަކަށް އަހުލުވެރިކުރުމަށް ސްކޫލްތަކާއި ބައެއް އޮފީސްތަކުގައި ވެސް މިފަދަ ސެޝަންތައް ހިންގަމުންނެވެ.