ޚަބަރު
އަނެއްކާ ވެސް އަސްކޮއެ އުމްރާ ގްރޫޕްގެ މައްސަލައެއް ބަލަނީ

ޢުމްރާއަށް ދިޔަ ދިވެހިންތަކެއް--
އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕުގެ މައްސަލައެއް އަނެއްކާ ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަލަން ފަށައިފިއެވެ.
އަސްކޮއި ގްރޫޕުން މީހުން ޢުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށް ފަހު، މިމަހުގެ 24 ވަނަ ދުވަހު ފުރަން ބައެއް މީހުންނަށް އެންގުމަށްފަހު ފުރުމަށް ހަފްތާއަކަށް ވެފައިވަނިކޮށް ނުފުރޭނެކަން ވަނީ އަންގާފައެވެ. މިކަމާއި ގުޅިގެން މީސްމީޑިއާގައި ޢާންމުން ދަނީ ގިނަ ޝަކުވާތަކެއް ހިއްސާކުރަމުންނެވެ. މިއީ، މި ގްރޫޕުގެ މިފަދަ މައްސަލައެއް ފެންމަތިވެ އެކަން ބަލަމުންދާ 2 ވަނަ ފަހަރުވެސް މެއެވެ.
މިކަމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އަސްކޮއި ޢުމްރާ ކުންފުނިން ޢުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މަޢުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސަމާލުކަމަށް ރޭ އިރާކޮޅުގައި އައިސްފައިވާ ކަމަށެވެ. އެހެންކަމުން، މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާ އެއްގޮތައް ފިޔަވަޅު އަޅުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ ރަމަޟާންމަހުގެ ފަހުފަނަރަ އާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ޢުމުރާއަށް ދާން އެތައް ބަޔަކު އަތުން ފައިސާ ނެގުމަށްފަހު، އެ ދަތުރު ކުރެވޭނެ ގޮތެއް ނެތްކަމަށް ބުނެ ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެ ރޭ މެސެޖަކުން އެންގުމާއި ގުޅިގެން ވެސް މީގެ ކުރިން ވަނީ އަސްކޮއި ގްރޫޕުގެ މައްސަލައެއް ބަލައިފައެވެ. އަދި މިކަމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެ ގްރޫޕް 130,000 ރުފިޔާއިން ޖޫރިމަނާކޮށް، ފައިސާ ދެއްކި ނުވަ މީހަކަށް ރިފަންޑު ދިނުމަށް އަންގާފައެވެ.
ޢުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުޞޫލަށް އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް އެ ވުޒާރާއިން ފިޔަވަޅު އަޅާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރީން ވެސް ބުނެފައިވެއެވެ.