ވިޔަފާރި / ޚަބަރު
ތުރުކީގައި އޮންނަ ވޯލްޑް ހަލާލް ސަމިޓު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލައިފި

ކުރިން ބާއްވާފައިވާ ވޯލްޑް ހަލާލް ސަމިޓެއްގެ ތެރެއިން---
ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައި11 ވަނަ " ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ.
ތުރުކީގެ އިސްތާންބޫލްގައި ކުރިޔަށް ގެންދާ މި އެކްސްޕޯ އޮންނާނީ މި އަހަރުގެ ނުވެމްބަރު މަހުގެ 26 އިން 29 އަށެވެ.
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ، ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަމަށެވެ. އަދި މި ފުރުސަތު ހަމަޖައްސައިދިނީ "ދަ ޖެނެރަލް ސެކްރެޓްރިއަޓް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައި.އޯ.ސީ)" އިން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ ރަގަޅު ފުރުޞަތެއް ކަމަށެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް، އަދި އެކްސްޕޯއާއި ގުޅޭ އިތުރު މައުލޫމާތު helalexpo.com.tr އިން ލިބޭނެކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.