ދުނިޔެ
ހޫތީން އެއްފަހަރާއި އިޒްރޭލުގެ އެކި ތަންތަނަށް ހަމަލާދީ، އެއާޕޯޓް އޮޕަރޭޝަން ހުއްޓުވައިފި

ހޫތީން ބެން ގުއިރަން އެއަރޕޯޓް ސަރަހައްދަށް ދިން ހަމަލާތަކުގެ އަސަރު

ފަރުދުން
17 ޖުލައި 2025، 11:01
17 ޖުލައި 2025، 11:01
ހުލާސާ
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން މިއަދުގެ ވަގުތެއްގައި އެއްފަހަރާއި އިޒްރޭލުގެ އެކި ތަންތަނަށް ހަމަލާދީ، އިޒްރޭލުގެ އެއާޕޯޓެއްގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނުވައިފިއެވެ.
ދަ މިޑްލް އީސްޓް އައި އިން ރިޕޯޓްކުރި ގޮތުގައި މިއަދުގެ ވަގުތެއްގައި ހޫތީން ވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާދީފައެވެ. އޭގެ ތެރޭގައި ބެން ގުއިރަން އެެއަރޕޯޓް، އީލާތު ޕޯޓް އަދި ނެގެވް ސަރަހައްދުގައި ހުންނަ އަސްކަރީ ސައިޓެއް ހިމެނޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ދިން ބަޔާނެއްގައިވާ ގޮތުގައި ހޫތީންގެ މިސައިލް ލަޝްކަރުން ވަނީ ޓެލް އަވީވްގެ ބެން ގުއިރަން އެއަރޕޯޓަށް ޒުލްފިޤަރް ވައްތަރުގެ ބެލިސްޓިކް މިސައިލެއް ފޮނުވާފައެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ސަހްޔޫނީ ވަޒަންވެރިން އެހެން ސަރަހައްދުތަކަށް ބަދަލުވެ، އެއަރޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލަން އިޒްރޭލަށް މަޖުބޫރި ކަމަށް އޭނާ ބުނެފައި ވެއެވެ.
އޭގެ ކުރިން އިޒްރޭލު އަސްކަރިއްޔާއިން ޔަމަނުން އަމާޒުކުރި މިސައިލެއް ވައްޓާލި ކަމަށް ބުނެފައި ވެއެވެ.
ހޫތީން އިޒްރޭލަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރ 7 އިން ފެށިގެން އިޒްރޭލުން މެދުކެނޑުމެއްނެތި ފަލަސްޠީނަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެންނެވެ.