ދުނިޔެ
ޢިރާޤުގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި، ޒަޚަމުވި މީހުންނާއި މަރުވި މީހުންގެ ޖުމުލަ ޢަދަދު 50

ޢިރާޤުގެ ކޫތުގައި ރޭ ހިނގި އަލިފާނުގެ ޙާދިޘާ

ފަރުދުން
17 ޖުލައި 2025، 11:37
17 ޖުލައި 2025، 11:37
ރޭގައި ޢިރާޤުގެ ކޫތު ސަރަޙައްދުގައި ވަރުގަދަ އަލިފާނުގެ ޙާދިޘާއެއް ހިނގާ، ގިނަބަޔަކަށް ޒަޚަމުވެ، ބައެއް މީހުން މަރުވެއްޖެއެވެ. އަލިފާނުގެ ޙާދިޘާ ހިނގާފައިވަނީ މީގެ 5 ދުވަސް ކުރިން ހުޅުވި ޝޮޕިންގ މޯލް އެއްގައި ކަމަށް ވާސިޠު ޕްރޮވިންސްގެ ގަވަރނަރ މުޙައްމަދު އަލްމަޔާޙީ ވިދާޅުވިއެވެ. އަލްމަޔާޙީ ހާމަކުރެއްވި ގޮތުގައި، އަލިފާން ރޯވެފައިވަނީ އިއްޔެ ރޭގަނޑުގެ ވަޤުތެއްގައެވެ. ރޭ ފަތިހު 4 ޖެހިއިރު ވެސް އެންބިޔުލެންސް ތަކުން ޒަޚަމުވެފައިވާ މީހުން އުފުލާ ނުނިމޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޮފިށަލުން ހާމަކުރެއްވި ގޮތުގައި، އަލިފާން ފުރަތަމަ ރޯ ވެފައި ވަނީ މޯލްގެ ފުރަތަމަ ފަންގިފިލާގައި ކަމަށް ބެލެވެއެވެ.
މިޙާދިޘާގައި މަރުވެފައިވާ މީހުންނާއި ޒަޚަމުވެފައިވާ މީހުންގެ ޖުމުލަ ޢަދަދު 50ން މައްޗަށް އަރާފައިވާ ކަމަށް ޢިރާޤުގެ ނޫސްތަކުން ބުނެއެވެ. ނަމަވެސް މަރުވި މީހުންނާއި ޒަޚަމުވި މީހުންގެ ވަކިވަކި ޢަދަދުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. އަލިފާނުގެ ހުޅުތައް މިހާރު ނިއްވާލެވިފައިވާ ކަމަށް ގަވަރނަރ އަލްމަޔާޙީ ވިދާޅުވެފައިވާ އިރު، މިޙާދިޘާއާ ގުޅިގެން ހިތާމަކުރުމުގެ 3 ދުވަސް ޢިރާޤުގެ ސަރުކާރުން އިޢުލާންކޮށްފިއެވެ. މިޙާދިޘާ މިހާރު ތަޙުޤީޤު ކުރެވެމުން ދާއިރު، ތަޙުޤީޤުގެ ނަތީޖާތައް 48 ގަޑިއިރު ތެރޭގައި ޢާންމުކުރެވިގެންދާނެއެވެ.