ދުނިޔެ
އިޒްރޭލުގެ ޙަމަލާތަކަށް ފަހު ސީރިޔާގެ ފައުޖުތައް ސުވަޔިދާއިން ފައިބަނީ

ސީރިޔާ ސިފައިން ހަތިޔާރާއިއެކު މަގުމަތީގައި ހަރަަކާތްތެރިވަނީ

ފަރުދުން
17 ޖުލައި 2025، 12:11
17 ޖުލައި 2025، 12:11
އިޒްރޭލުން އިއްޔެ ސީރިޔާއަށް ދިން ޙަމަލާތަކަށް ފަހު ސީރިޔާގެ ފައުޖުތައް ސުވަޔިދާއިން ފައިބަން ފަށައިފިއެވެ.
ދަ މިޑްލް އީސްޓް އިން ރިޕޯޓްކުރިގޮތުގައި ސީރިޔާގެ ފައުޖުން މިގޮތަށް އަމަލުކުރީ ސީރިޔާ ސަރުކާރާއި ސުވަޔިދާގެ ދީނީ ޢިލްމުވެރިންގެ މެދުގައި ބޭއްވުނު މަޝްވަރާއާއި ގުޅިގެންނެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވި ގޮތުގައި އެޤައުމުގެ އަސްކަރިއްޔާއިން ވަނީ ދިމިޝްގުގައި ހުރި ސީރިއާގެ އަސްކަރީ މައި މަރުކަޒުގެ ދޮރާށްޓަށް ހަމަލާދީފައެވެ. މި ހަމަލާ ދީފައިވަނީ ސުވައިދާއިން ސީރިއާގެ ސަރުކާރުގެ ބާރުތައް އަނބުރާ ގެންދިއުމަށް އިޒްރޭލުން ދިން އިންޒާރުގެ ފަހުންނެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ އުސާމާ ބިން ޖަވައިދް ރިޕޯޓުކުރި ގޮތުގައި ސީރިއާގެ ދިފާއީ މިނިސްޓްރީގެ މައި މަރުކަޒަށް ޑްރޯން މެދުވެރިކޮށް ދެ ހަމަލާއެއް ދީފައިވެއެވެ. އޭގެ ތެރެއިން އެއް ހަމަލާ އަމާޒުކޮށްފައިވަނީ އިމާރާތުގެ ކުރިމަތީގައިވާ މައި ދޮރާށްޓަށެވެ. އަނެއް ހަމަލާ އަމާޒުކޮށްފައިވަނީ އިމާރާތުގެ ފަހަތު ސަރަހައްދަށެވެ.
ސުވަޔިދާގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލުން ވަނީ ޑްރޫޒް މަދަނީ ހަނގުރާމަވެރިންނަށް އެހީތެރިވުމުގެ ގޮތުން ސީރިއާގެ ސަރުކާރުގެ ބާރުތަކަށް ވަރަށް ބޮޑެތި ހަމަލާތަކެއް ދީފައެވެ. އިޒްރޭލުން ބުނާ ގޮތުގައި ޑްރޫޒް މައިނޯރިޓީއަކީ ސީރިއާގައި އެ ޤައުމުގެ އެކުވެރިންގެ ގޮތުގައި ބެލެވޭ ބައެކެވެ.
28 އޭޕްރީލުން ފެށިގެން ސީރިއާގެ އިންތިގާލީ ސަރުކާރުގެ އަސްކަރީ ޔުނިޓްތަކާއި ގުޅުން ހުރި ހަނގުރާމަވެރި ޖަމާޢަތްތަކުން ޑްރޫޒް ހަނގުރާމަވެރިންނާއި ދެކޮޅަށް ހިންގި މަޒުހަބީ ހަމަނުޖެހުންތަކުގެ ސަބަބުން ޑްރޫޒް ޢާންމުންގެ ބައެއް މަރުވި އެވެ.