ޚަބަރު
މާލެ ސިޓީގެ "ސާފު ނަލަ މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް ޓޫ އޮފް އަސް

މާލެ ސިޓީގެ "ސާފު ނަލަ މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް ޓޫ އޮފް އަސް/ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލުން ފަށާފައިވާ "ސާފު ނަލަ މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ހަމަޖައްސައިފިއެވެ.
މި ކެމްޕެއިނަކީ، މާލެ ސިޓީ ސާފު ތާހިރު ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން އިސްނަންގަވައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "ޓޫ އޮފް އަސް" ބޭންޑުގެ ޖޯޝާއި، ފޯރިއާއި، އުފެއްދުންތެރިކަމާއި، އަދި އެ ބޭންޑުގެ ނުފޫޒުން، މާލެ ސިޓީއަކީ ސާފު ތާހިރު ނަލަ ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ޒިއްމާދާރުކަމާއެކު ރައްޔިތުން ބައިވެރިވެ، މާލެ ސިޓީ އަކީ ސާފު ނަލަ މާލެއަކަށް ހެދުމަށް ކުރަމުންދާ ތައްޞައްވުރު ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.
މީގެ އިތުރުން މޭޔަރ ވަނީ، މި ކެމްޕެއިންގެ އެމްބެސެޑަރަކަށް ވުމަށް ކައުންސިލުން ދެއްވި ދަޢުވަތު ޤަބޫލުކުރެއްވީތީ، ޓޫ އޮފް އަސް ބޭންޑަށް ޝުކުރު ދަންނަވާފައެވެ. އަދި މި ބޭންޑާއެކު މި ޕްރޮގްރާމް އިތުރަށް ކުރިއަރާނެ ކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވާ މޭޔަރ ވިދާޅުވީ، މާލެ ސިޓީގެ ސާފުތާހިރުކަމާއި މާހައުލުގެ ރައްކާތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން ގެންދަވާ ކަމަށެވެ.
ޓޫ އޮފް އަސް އަކީ، ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެކެވެ. މި ބޭންޑުން ވަނީ، މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގެ ދެވަނަ ރަނަރަޕްކަން ކާމިޔާބުކޮށްފައެވެ.