Ads by Stelco

ޚަބަރު

މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުންގެ ޚާއްޞަ ހަރަކާތެއް: ގިނަ ބައެއްގެ ތަޢުރީފް

މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުންގެ ޚާއްޞަ ހަރަކާތެއް: ގިނަ ބައެއްގެ ތަޢުރީފް

ފުލުހުންގެ ޚާއްޞަ ހަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުން

17 ޖުލައި 2025، 01:22

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުންގެ ޚާއްޞަ ހަރަކާތްތަކެއް ހުޅުމާލޭގައި ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ކަމަށެވެ. އަދި މި ހަރަކާތް ހުޅުމާލެ ފޭސް 2 ގައި ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ފުލުހުން ކުރިއަށް ގެންދާ މި ހަރަކާތުގައި، ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާއިރު އަދި އެކި ވަގުތު ތަކުގައި އެކި މަގުތަކަށް ފުލުހުން ނުކުމެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ތަފާތު އެކި ގޮތްގޮތަށް ފޯރުކޮށްދެމުންދާނެއެވެ. ހަމަ އެހެންމެ، އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދީ ތިމާއާއި އަނެކުންގެ ސަލާމަތަށް ބަލައިގެން އުޅަނދު ދުއްވުމަށް ބާރުއަޅައި އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދެމުންދާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މި ޙަރަކާތުގެ  ދަށުން ދުވެލި މަޑުކުރުމަށާއި ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދިނުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވެސް ތަފާތު ގިނަ މައުލޫމާތުތަކެއް ހިއްސާކުރަމުންދާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި ހަރަކާތަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި ސަމާލުކަމެއް ލިބެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ މި ޙަރަކާތުގެ ސަބަބުން މީސް މީޑިއާގެ އެކި މަންސަތަކުގައި ޢާންމުން އަންނަނީ ފުލުހުންނަށް ތަޢުރީފު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS