ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގދ. ނަޑެއްލާގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގދ. ނަޑެއްލާގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ގދ. ނަޑެއްލާގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ނައިބު ރައީސް ވަނީ ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. ހަމަ އެހެންމެ، ނަޑެއްލާ ކައުންސިލްގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށާއި ވަކިން ޚާއްޞަކޮށް ޒުވާނުން އެންމެ ބޭނުންވާ ކަންކަމާއި، އެކަންކަން ޙާޞިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.
ނަޑެއްލާ ކައުންސިލުން ވަނީ، އެރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށްގެންދާއިރު ބިން ހިއްކުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ. ހަމަ އެހެންމެ، ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްދެއްވުމަށާއި، ސްކޫލްގައި ހަދަމުންދާ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމުގެ އިތުރުން، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކުރުމަށް ހުވަދު އަތޮޅުގައި ފަތުރުވެރިކަމަށް އިތުރު ރަށްތައް ތަރައްޤީ ކުރުމަށް ބޭނުންވާކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ވަކިން ޚާއްޞަކޮށް ނަޑެއްލާ ބަނދަރުގެ މަޝްރޫޢަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވަން ބޭނުންފުޅުވާ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ކުޅިވަރުގެ ދާއިރާއިން ހުރި ފަހި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.