ޚަބަރު
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ގިނަ ޙަރަކާތްތައް ބާއްވަނީ

މިނިވަން ދުވަހުގެ ޕެރޭޑުގެ ތެރެއިން/ފޮޓޯ: އެޑިޝަން އެމްވީ
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ތަފާތު ގިނަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމާ، އެ ޙަރަކާތްތައް ޢާންމުކޮށްފިއެވެ.
ދިވެހި ބަހާއި، ޘަޤާފަތާ ތަރިކައާއި ބެހޭ ވުޒާރާއިން ވަނީ މި އަހަރުގެ ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތައް އިޢުލާނުކޮށްފައެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަސް ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މި އަހަރުގެ މިނިވަން ދުވަހުގެ ޙަރަކާތްތައް ޖުލައި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާނެއެވެ. އެގޮތުން، މިނިވަން ދުވަހުގެ ޙަރަކާތްތައް ފެށުމުގެ ގޮތުން ޖުލައި 26 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ކުރިއަށްދާނެއެވެ.
އެއަށްފަހު، މިނިވަން ދުވަހު ބާއްވާ ހެވިކަމާއި ކުޅިވަރުގެ ޙަރަކާތްތައް އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނު ސަރަޙައްދުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޙަރަކާތުގެ ދަށުން، އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯގެ ޕެރޭޑުގެ އިތުރުން، ސްކޫލްތަކުގެ ކުޅިވަރު އަދި ސަޤާފީ އައިޓަމްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯގެ ޕެރޭޑާއި ރޫޓުމާޗު މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން، ހުޅުމާލޭގައި މި ޙަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:15 އިން ފެށިގެންނެވެ. ހަމަ އެހެންމެ، މި ޙަރަކާތް ކުރިއަށްދާނީ މާލެ އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިވަން ދުވަހުގެ ޙަރަކާތްތަކާއި ގުޅިގެން ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 08:30 ގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. އެއަށްފަހު، ޖުލައި 27 ވަނަ ދުވަހުގެ ރޭ 08:30 ގައި މާލޭގެ ބޮޑެތި މަގުތަކުގައި މިނިވަން ދުވަހުގެ ފުޅަނދު ބުރު އޮންނާނެއެވެ. ހަމަ އެހެންމެ، ޖުލައި 28 ވަނަ ދުވަހުގެ ރޭ 08:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ވެސް މި ޙަރަކާތް ކުރިއަށްދާނެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއަށް ރާއްޖޭގެ ކުރީގެ އެންމެހާ ރައީސުންނާއި ނައިބު ރައީސުންނަށް ދަޢުވަތު އެރުވުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މި ޖަލްސާއަކީ ޤައުމީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު އައުކޮށް، ޤައުމީ ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމުގެ މުހިންމު މަޤްޞަދެއް ހާސިލުކުރުމަށް ބާއްވާ ޖަލްސާއެއް ކަމުގައި ސަރުކާރުން ވިދާޅުވެއެވެ.