ވިޔަފާރި / ޚަބަރު

ފަތުރުވެރިކަމުގެ ސީޒަން ފެށެންވާއިރަށް ހުރިހާ އެއާރލައިނެއް އައު ޓާރމިނަލަށް ބަދަލުކުރަނީ

ފަތުރުވެރިކަމުގެ ސީޒަން ފެށެންވާއިރަށް ހުރިހާ އެއާރލައިނެއް އައު ޓާރމިނަލަށް ބަދަލުކުރަނީ

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް، ފޮޓޯ: އެމްއޭސީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ޖުލައި 2025، 03:27

18 ޖުލައި 2025، 03:27

މި އަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށެންވާއިރަށް ހުރިހާ އެއާރލައިނެއް އައު ޓާރމިނަލަށް ބަދަލުކުރާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ. 

ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)އަށް ދެއްވި އިންޓަވިއުއެއްގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ، މި މަހުގެ 26 ވަނަ ދުވަހު އައު ޓާރމިނަލް ރަސްމީކޮށް ހުޅުވައި، 27 ވަނަ ދުވަހު އޮޕަރޭޝަންތައް ފެށުމަށްހަމަޖެހިފައިވާއިރު، ފަހަރަކު އެއާރލައިނެއް އައު ޓާރމިނަލްއަށް ބަދަލުކުރާނެކަމަށެވެ. މުޖުތަބާ އިތުރަށް ވިދާޅުވީ، އެގޮތަށް ޢަމަލުކުރަން ނިންމީ، ތަޖުރިބާކާރުންގެ ލަފަޔާއެކު، އައު ޓަރމިނަލްގެ އޮޕަރޭޝަން އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެން ފަތުރުވެރިކަމަށް ޑިޕެންޑްވާ ޤައުމަކަށްވީމަ، މިކަމުގެ ތެރޭގައި އެއްވެސް މައްސަލައެއް އުޅެގެން ނުވާނެކަމަށް އެ ބޭފުޅުންވެސް (އޮރާޓް) ވިދާޅުވަނީ. އެހެން ނޫނީ ޤައުމަށް ލިބިދާނެއޭ ގެއްލުމެއް. އެހެންވީމަ އެކަން އެންމެ ސްމޫތުކޮށް ގެންދިއުމަށްޓަކައި ފަހަރަކު އެއަރލައިނެކޭ ގެންދާނީ،" އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވިއެވެ.

ޓާރމިނަލް ހުޅުވުމަށްފަހު، އޮޕަރޭޝަންތައް ފުރަތަމަ ފަށަން ނިންމާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަނާއެކުގައެވެ.

އަދި ރޭވުމާ އެއްގޮތަށް ކުރިޔަށް ގޮސް، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއަރލައިނަކަށް ޚިދުމަތް ދޭނީ އައު ޓާރމިނަލުގައިކަމަށް މުޖުތަބާ ވަނީ ވިދާޅުވެފައެވެ. 

އެއަށްފަހު މިހާރު ބޭނުންކުރާ ޓާރމިނަލް ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރުމުގެ ވިސްނުން އެމްއޭސީއެލުން ގެންގުޅޭކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. 

މީގެ އިތުރުން އައު ޓަރމިނަލާއި ސީޕްލޭން ޓާރމިނަލާ ދެމެދު ބޭނުންކުރާ ވެހިކަލްގެ އަދަދު މަދުކުރުމަށް ފިކްސްޑް ލައިނެއް ހެދުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. މި މަސައްކަތުގެ ފީސިބިލިޓީ ހެދުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS