ޚަބަރު
ހުޅުމާލެ ފޭސް-2ގައި ބަސް ސްޓޭންޑަކާއި ސައިކަލުތަކެއް ވަޔާ އެއްލާލައިފި

ހިޔާ ސަރަހައްދުގައި ޕާކު ކޮށްފައި ބަހައްޓާފައި ހުރި ބަސް ސްޓޭންޑެއް ވަޔާއެކު އެއްލާލާފައި، ފޮޓޯ: ފޭސްބުކް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، މިއަދު ހެނދުނު މާލެ ސަރަޙައްދަށް ކުރި ވިއްސާރަޔާއެކު އައި ގަދަ ވައިގައި، ހުޅުމާލެ ފޭސް-2ގެ ބަސް ސްޓޭންޑަކާއި ސައިކަލުތަކެއް ވަޔާ އެއްލާލައިފިއެވެ.
މުސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ފަތިހާއި ހެނދުނުގެ ވަގުތުތަކުގައި ހުޅުމާލެއަށް ކުރި ވިއްސާރައިގައި 52 މޭލު ބާރުމިނުގައި ވައިޖެހިފައި ވެއެވެ. މި ވައިގައި އެއްލާލާފައިވަނީ ހިޔާ 16 ވަނަ ޓަވަރުގައި ބަހައްޓާފައި ހުރި ބަސް ސްޓޭންޑެކެވެ.
މޫސުން ގޯސް ދުވަސްތަކުގައި ހިޔާ ޓަވަރުތައް ކައިރީގައި ޕާކުކޮށްފައި ހުންނަ ސައިކަލުތައް ވަޔާ އެއްލާލުމާއި، އެ ސަރަޙައްދުގައި ހުންނަ ކުނިބުނިތައް މުޅި ސަރަހައްދަށް ބުރައިގެން ދިޔުމަކީ އާންމު ކަމެކެވެ.
މީގެއިތުރުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ގަސްތައް ވެއްޓި ޕާކުކޮށްފައި ހުރި ސައިކަލްތަކަށް ގެއްލުންލިބިފައިވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދެވެ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވާތީ، އެ ސަރަހައްދުތަކުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/3KxZyzDZu0
— Maldives Police (@PoliceMv) July 18, 2025
ހުޅުމާލޭގެ އިތުރުން މާލޭގެ ބައެއް ސަރަޙައްދުތަކުގައި ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ވެސް ހިނގާފައިވެއެވެ. އެ ސަރަޙައްދުތަކުގައި ފުލުހުންނާއި ގުޅުންހުރި އިދާރަތަކުން ވަނީ ހަރަކާތްތެރިވެފައެވެ. މޫސުން ގޯސްވެ، ވައިގަދަވާ ވަގުތުތަކުގައި ބޭރުގައި އުޅޭއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.