Ads by Stelco

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް: ފުރަތަމަ ބުރުން ޖާގަލިބޭނީ 350 ބައިވެރިންނަށް

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް: ފުރަތަމަ ބުރުން ޖާގަލިބޭނީ 350 ބައިވެރިންނަށް

މޯލްޑިވްސް ނޭޝަނަލް ސަރވިސް ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުން. ފޮޓޯ: ދިފާޢީ ވުޒާރާ

18 ޖުލައި 2025، 05:00

ދިވެހި ވަޠަނީ ޚިދުމަތް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ޕްރޮގްރާމްގެ ފުރަތަމަ ބުރުން ޖާގަލިބޭނީ 350 ބައިވެރިންނަށްކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވޭ ޕްރޮގްރާމެކެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ މޯލްޑިވްސް ނޭޝަނަލް ސާރވިސް (ދިވެހި ވަޠަނީ ޚިދުމަތުގެ) ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ އިތުރު ސަރަޙައްދުތަކުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ހޮވުމުގެ މަރުޙަލާ އެންމެ ފުރަތަމަ ފަށާފައިވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. ނަމަވެސް، މި މަރުޙަލާ އިތުރަށް ފުޅާކޮށް، ށ. ފުނަދޫ، ނ. މަނަދޫ އަދި ތ. ވޭމަންޑޫގައި ވެސް ބައިވެރިން ހޮވުމުގެ މަސައްކަތްތައް ވަނީ ފަށައިފައެވެ. އެގޮތުން، ހޮވުމުގެ މަރުޙަލާގައި ބައިވެރިން އިންޓަރވިއު، މެޑިކަލް ޓެސްޓް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓްތައް ފުރިހަމަކުރަންޖެހެއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް އުފެއްދުމެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކުރުމެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނެގުމުގައި އަމަލުކުރާނީ ޕްރޮގްރާމަށް ހުށައަޅާފައިވާ ތަރުތީބުން ލިސްޓް ތަރުތީބުކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެންކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީން ފެށޭނެކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS