ޚަބަރު
މާލެއިން ގެއްލުނު ޙަސަން ޔާމީން ހޯދުމަށްޓަކައި ކުރެވެން ހުރި އެންމެހާ މަސައްކަތެއް މެދުނުކެނޑި ދަނީ ކުރަމުން: ފުލުހުން

ގެއްލިގެން ހޯދަމުންދާ ޙަސަން ޔާމީން---
މާލެއިން ގެއްލުނު ޙަސަން ޔާމީން ހޯދުމަށްޓަކައި ކުރެވެން ހުރި އެންމެހާ މަސައްކަތެއް މެދުނުކެނޑި ދަނީ ކުރަމުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ޔާމީން ގެއްލިފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ. އެރޭ 21:25 ހާއިރު އޭނާ ގެއިން ނިކުމެގެން ދިޔަފަހުން ޚަބަރެއް ނުވާތީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޙަސަން ޔާމީން ގެއްލިގެން ޢާއިލާއިން ރިޕޯޓުކުރުމާއެކު، ގެއްލިގެން ހުށައަޅާ މީހުންގެ މަޢުލޫމާތު ފޯމު ފުރިހަމަކޮށް، ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެ ވަޤުތުން ފެށިގެން ތަހުޤީގުގެ މަސައްކަތްތައް ފެށުމަށްފަހު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އެގޮތުން، މި މައްސަލައާ ގުޅިގެން ގިނަ ޢަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، ޔާމީންގެ ޢާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ ޢަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުން މިހާތަނަށް ކުރި ތަހުޤީގުން ޙަސަން ޔާމީން ޤައުމުން ބޭރަށް ގޮސްފައިނުވާކަން ކަމާ ގުޅުންހުރި އިދާރަތަކުން ކަށަވަރުކޮށްދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ޔާމީން ހޯދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރެވެން ހުރި އެންމެހާ މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރަމުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޙަސަން ޔާމީން އާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.