ޚަބަރު
ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފި

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ | ފޮޓޯ: އެމްއެންޑީއެފް
ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިލްތިމާސްކުރައްވައިފިއެވެ.
އެމްއެންޑީއެފުން މިގޮތަށް އިލްތިމާސްކުރައްވާފައި މިވަނީ، ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް ހުދު އަދި ރީނދޫ ސަމާލު ނެރިފައިވާ ދަނޑިވަޅެއްގައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ރާއްޖެ ސަރަޙައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެކަމަށާއި މުޅިރާއްޖެއަށް ވިއްސާރަވެ، އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މީގެ އިތުރުން، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އެދިފައެވެ. ހަމަ އެހެންމެ، ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.