Ads by Stelco

ޚަބަރު

މިއަހަރުގެ މިހާތަނަށް 1،202،262 ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް 1،202،262 ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ވިޒިޓް މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖުލައި 2025، 12:09

19 ޖުލައި 2025، 12:09

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،202،262 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖުލައި މަހުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި އެކަނި ރާއްޖެއަށް 94،132 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.3 އިންސައްތައިގެ އިތުރުވުމެކެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،883 ފަތުރުވެރިން ޒިޔާރަތްކުރަމުންދާއިރު، މިއީ ފާއިތުވި ދެ މަހާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. ޗައިނާއިން 165،134 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 140،298 ފަތުރުވެރިންނާއި، އިނގިރޭސިވިލާތުން 115،133 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 72.8 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އަދި 22.2 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައެވެ. ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ނިސްބަތަކީ 2.7 އިންސައްތައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒުކޮށްފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން