ޚަބަރު
ޓީއެމްއޭގެ މުވައްޒަފުން މުސާރައިގެ ކަންކަމާ މެދު ނުރަސްމީ ބައްދަލުވުމެއް

ޓީއެމްއޭގެ މުވައްޒަފުން ރޭ ބޭއްވި ނުރަސްމީ ބައްދަލުވުން.

ފަރުދުން
19 ޖުލައި 2025، 01:14
19 ޖުލައި 2025، 01:14
ޓްރާންސް މޯލްޑިވިޔަން އެއަރވޭސް (ޓިއެމްއޭ) ގެ ޕައިލަޓުންނާއި، އިންޖިނިއަރުންނާއި، ކެބިން ކުރޫއިން ހިމެނޭހެން އެކުންފުނީގެ ގިނަ މުވައްޒަފުންތަކެއް އެއްވެ ރޭގައި ނުރަސްމީ މަޝްވަރާ ތަކެއް ކޮށްފިއެވެ. މި މަޝްވަރާގެ ބައްދަލުވުން ބާއްވަން ނިންމީ، އެކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމުގެ ނިޒާމަށް ގެނެވުނު ބަދަލުތަކަކާ ގުޅިގެންނެވެ. ބައްދަލުވުން ކުރިއަށް ދިޔައީ ހުޅުމާލޭގެ "ވޯޓަރސް އެޖް ރޫފްޓޮޕް" ގައެވެ.
މިމަހުގެ ކުރީ ކޮޅު ޓީއެމްއޭ އިން އެކުންފުނީގެ މުސާރަ ދިނުމަށް ގެނައި ބަދަލާ ގުޅިގެން އެކުންފުނީގެ ގިނަ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިބަދަލުގެ ދަށުން، މުސާރަ ދެވޭނީ 80% އެމެރިކާ ޑޮލަރުން އަދި 20% ދިވެހި ރުފިޔާ އިންނެވެ. ބުނެވޭ ގޮތުގައި، މިބަދަލު ކުރިއަށް އޮތް 2 މަސް ދުވަހަށް ދެމިގެން ދާނެއެވެ.
ޓީއެމްއޭގެ މުވައްޒަފުންގެ މައިގަނޑު ކަންބޮޑުވުމަކީ، ކުރިއަށް އޮތް މަރުޙަލާ އެވެ. މުސާރަައިގައި ވާ ދިވެހި ރުފިޔާގެ ނިސްބަތް އިތުރު ކުރެވިގެންދާނެ ކަމަށް ޓީއެމްއޭ ގެ މުވައްޒަފުން ލަފާކުރެއެވެ. ދިވެހި ރުފިޔާގެ އަގު މިހާރު ދަށް ވެފައިވާ އިރު، ކުއްލި ގޮތަކަށް ދިވެހި ރުފިޔާ އިން މުސާރަ ދޭން ނިންމައިފި ނަމަ، އެމެރިކާ ޑޮލަރުގެ މައްޗަށް ބިނާވެފައިވާ މާލީ ޚަރަދުތައް ކުރަން ޖެހޭ ފަރާތްތަކަށް މިކަމުގެ ސަބަބުން ބޮޑެތި އުނދަގޫ ތަކެއް ކުރިމަތި ވާނެއެވެ.
މިކަންބޮޑުވުންތަކުގެ އަޞްލަކީ މިއަހަރުގެ ކުރީކޮޅު ފާސްކުރި "ފޮރިން ކަރެންސީ އެކްޓް" ޤާނޫނެވެ. މިޤާނޫނުން ލާޒިމު ކުރާ ގޮތުގައި، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ކުންފުނިތައް ހިމެނޭހެން، އެޤާނޫނުގައިވާ މިންގަނޑަށް ފެތޭ ކުންފުނިތަކަކުން، އެކުންފުނި ތަކުގެ މާލީ ފައިދާތަކުން ކޮންމެވެސް މިންވަރެއް އެމްއެމްއޭ މެދުވެރިކޮށް ދިވެހި ރުފިޔާ އަށް ބަދަލު ކުރަން ޖެހެއެވެ. މިޤާނޫނުގެ ސަބަބުން، މުސާރަ ދިނުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޓީއެމްއޭ އަށް ވަނީ ލާޒިމު ވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެހެނިހެން ކުންފުނި ތަކުން ވެސް މުސާރައަށް މިފަދަ ބަދަލުތަކެއް ގެނެސްފައި ވެއެވެ. މިގޮތުން، މަންތާ އެއަރ އިން ވަނީ އެކުންފުނީގެ މުސާރަތަކުގައި އެމެރިކާ ޑޮލަރާއި ދިވެހި ރުފިޔާ 50-50 ގެ ނިސްބަތުން ބަހާލުމަށް ކަނޑައަޅާފައެވެ. ޓީއެމްއޭގެ މުވައްޒަފުންގެ ޝަކުވާ އެކުންފުނިން އަޑުއަހާނެ ކަމަށް އުންމީދުކުރާ ޙާލު، ޓީއެމްއޭގެ އެންމެހައި މުވައްޒަފުން ތިބީ އެކުންފުނިން މިކަމުގައި ނިންމާ ފަހު ފައިޞަލާގެ އިންތިޒާރުގައި. މުވައްޒަފުންނަށް ކުރާ ގެއްލުން ތަކުގެ އިތުރުން، މިދަފަ ބަދަލު ތަކުން ފަތުރުވެރިކަމުގެ މުޅި ޞިނާޢަތަށް ވެސް ނޭދެވޭ އަޘަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.