Ads by Stelco

ޚަބަރު

އައިޖީއެމްއެޗްގައި ހުޅުވާ އައިނު ފިހާރަ މިމަހު 27ގައި ހުޅުވަނީ

އައިޖީއެމްއެޗްގައި ހުޅުވާ އައިނު ފިހާރަ މިމަހު 27ގައި ހުޅުވަނީ

އައިނު ފިހާރައެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖުލައި 2025، 01:58

20 ޖުލައި 2025، 01:58

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިމަހުގެ 27 ވަނަ ދުވަހު އައިނު ފިހާރައެއް ހުޅުވައި ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.

އައިޖީއެމްއެޗްއިން މަޢުލޫމާތު ދެއްވިގޮތުގައި މިވަގުތު ކުރިއަށްދަނީ އައިނު ފިހާރައިގެ ފިނިޝިންގ މަސައްކަތްތަކެވެ. މިއީ ރައްޔިތުންގެ ދުވަސްވީ ކަންބޮޑުވުމަކަށް ހައްލެއް ގެނައުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މެއި މަހު އިޢުލާން ކުރެއްވި ޚިދުމަތެކެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ކުރިން ވިދާޅުވެފައިވާ ގޮތުގައި، އައިޖީއެމްއެޗްގެ އިތުރުން ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވޭނެއެވެ. އަދި މި ޚިދުމަތް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާ ހަމައަށް ފުޅާކުރުމަށްވެސް ރޭވިފައިވެއެވެ.

އައިނު ހެއްދުމަކީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށްވެފައިވާއިރު، ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމްގެ ދަށުން ކޮންމެ ދެ އަހަރަކުން އެއްފަހަރު ދެމުންދިޔަ 1،000 ރުފިޔާގެ އެހީތެރިކަން 2،000 ރުފިޔާއަށް އިތުރުކޮށްފައިވެއެވެ.

އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރު އައިނު ހެއްދުމަށް 36،000 އަށްވުރެ ގިނަ މީހުންނަށް 36 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ އާސަންދައިގެ ދަށުން ޚަރަދުކޮށްފައިވެއެވެ. މިހާތަނަށް ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދީފައި ނުވާއިރު، މި އައު ޚިދުމަތަކީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމުގައި ބެލެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން