ދުނިޔެ
ޗައިނާގެ ޓިބެޓްގައި ދުނިޔޭގެ އެންމެ ބޮޑު ހައިޑްރޯޕަވަރ ޑޭމް އެޅުމުގެ މަސައްކަތް ފަށައިފި

ޗައިނާގެ ޓިބެޓް ޕްލެޓޫ
ދުނިޔޭގައި މިހާތަނަށް އެޅޭ އެންމެ ބޮޑު ހައިޑްރޯޕަވަރ ޑޭމްގެ މަސައްކަތް، ޗައިނާގެ ޓިބެޓަން ޕްލެޓޫ ހިމެނޭ އިރުމަތީ ބިތުގައި ފަށާފައިވާކަން، ޗައިނާގެ ބޮޑުވަޒީރު ލީ ޗިއަންގް ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.
$170 ބިލިއަން (ގާތްގަނޑަކަށް 2.62 ޓްރިލިއަން ދިވެހި ރުފިޔާ) ހޭދަވާނެ ކަމަށް އަންދާޒާކުރެވޭ މި މަޝްރޫޢަކީ އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ އިތުރުން، ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. މި މަސައްކަތް ފެށިކަން ޝިންހުއާ ޚަބަރު އެޖެންސީން ވަނީ ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައެވެ.
ޔާލޫންގް ޒަންގްބޯ ކޯރު ގެ ތިރީބައިގައި، އެއްފަހަރާ ފަސް ހައިޑްރޯޕަވަރ ސްޓޭޝަން ހިމެނޭ ގޮތަށް އެޅޭ މި ޑޭމަކީ، ޓިބެޓުން ނުކުމެ އިންޑިއާ އާއި ބަންގްލަދޭޝްއަށް ގޮސް ބްރަހްމަޕުޓްރާ ކޯރަށް ބަދަލުވާ ކޯރުގެ ބައެކެވެ. މި ޑޭމުގެ ސަބަބުން މި ދެ ގައުމުގައި ދިރިއުޅޭ މިލިއަނަކަށްވުރެން ގިނަ މީހުންނަށް އަސަރުކުރާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ބޮޑުވަޒީރު ލީ ޗިއަންގް މި ހައިޑްރޯޕަވަރ މަޝްރޫޢު ސިފަކުރެއްވީ "ޤަރުނުގެ މަޝްރޫޢެއް" ކަމަށެވެ. އަދި ޝިންހުއާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށް ތިމާވެށި ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ލީ ވިދާޅުވިއެވެ.
ޓިބެޓުގެ މި މަޝްރޫޢުގެ ސަބަބުން ކިތައް މީހުން ދިރިއުޅޭ ތަން ބަދަލުކުރަން ޖެހި، އަދި ޓިބެޓު ހިމެނޭ ޕްލެޓޫ ގެ އެންމެ މުއްސަނދި އަދި އެކި ވައްތަރުގެ ދިރުންތައް އެކުލެވޭ ތިމާވެއްޓަށް ކިހާވަރެއްގެ އަސަރެއް ކުރާނެ ކަމެއް، ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، ޗައިނާގެ އޮފިޝަލުން ބުނާ ގޮތުގައި ޓިބެޓުގައި ހިންގާ ހައިޑްރޯޕަވަރ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށާއި ކޯރުތަކުގެ ފެނުގެ ސަޕްލައިއަށް ބޮޑު އަސަރެއް ނުކުރާނެއެވެ. އެހެންނަމަވެސް، އިންޑިއާ އާއި ބަންގްލަދޭޝްއިން ވަނީ މި ޑޭމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިންޓަރނޭޝަނަލް ކެމްޕޭން ފޯރ ޓިބެޓް ފަދަ އެން.ޖީ.އޯ ތަކުން ބުނާ ގޮތުގައި، މި ޑޭމުގެ ސަބަބުން ޓިބެޓް ހިމެނޭ ޕްލެޓޫއަށް ދާއިމީ އަދި ނުފިލާ ގެއްލުންތަކެއް ލިބި، ކޯރުތަކުގެ ތިރީބައިގައި ދިރިއުޅޭ މިލިއަނަކަށްވުރެން ގިނަ މީހުންނަށް ދިރިއުޅުމަށް ބޮޑެތި ދަތި ތަކެއް ކުރިމަތިވާނެއެވެ.
މި ޑޭމުން އަހަރަކު 300 ބިލިއަން ކިލޯވޮޓް ކަރަންޓު ކޮންމެ ގަޑިއިރެއްގެ ތެރޭ އުފެއްދުމުގެ ގާބިލްކަން ލިބޭނެ ކަމަށް އަންދާޒާކުރެވިފައިވާއިރު، މި ކަރަންޓު ޓިބެޓްގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ޗައިނާގެ އެހެން ބައިތަކުގެ ހަކަތައިގެ ބޭނުންތައް ފުއްދުމަށް އެހީތެރިވެދޭނެއެވެ.
މި މަޝްރޫޢު ފުރަތަމަ އިއުލާނުކުރި ޑިސެމްބަރު މަހު ޝިންހުއާ އިން ބުނެފައިވާ ގޮތުގައި، ޗައިނާގެ ކާބަންގެ މިންވަރު އެންމެ މައްޗަށް ދިޔަ ނުދިނުމާއި، ކާބަން ނިއުޓްރަލިޓީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މި މަޝްރޫޢުން މުހިންމު ދައުރެއް އަދާކުރާނެއެވެ. މީގެ އިތުރުން، އިންޖިނިއަރިން ފަދަ ގުޅުންހުރި ސިނާއަތްތަކަށް ބާރުއަޅައި، ޓިބެޓްގައި ވަޒީފާގެ ފުރުސަތުތައް އުފައްދައިދޭނެއެވެ.