ޚަބަރު
މިދިޔަ ސަރުކާރުން މާލިއްޔަތު ޤާނޫނާ ޚިލާފަށް ހޭދަކުރި 2 ބިލިއަން އަށްވުރެ ގިނަ ރުފިޔާގެ މައްސަލައެއް ބަލަނީ!
މާލީ ވަޒީރު މޫސާ ޒަމީރު. ފޮޓޯ:ރައީސް އޮފީސް
މިދިޔަ ސަރުކާރުން މާލިއްޔަތު ޤާނޫނާ ޚިލާފަށް ހޭދަކޮށްފައިވާ 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ އެއް ބަލަމުންދާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދައުލަތުގެ މާލީ ހާލަތު ބަޔާންކޮށްދޭ، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސްގެ ނަމުގައި ކޮންމެ ހަފުތާއަކު މާލީ ވުޒާރާއިން ޤަވާއިދުން ނެރެމުންދިޔަ ރިޕޯޓު، މިދިޔަ ޖޫން މަހުން ފެށިގެން ނެރެފައި ނުވެވާ މައްސަލައަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލިއަޅުއްވައިލައްވައިފައިވެއެވެ.
އެގޮތުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އަހަރު ދެބައިވިއިރު ޚަރަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ ރިޕޯޓް ނެރުން އޭރުގެ މާލީ ވަޒީރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީޤް ހުއްޓާލައްވައި، އެކަން ހިނގާފައިވާ ގޮތް ބެއްލެވި ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާ ތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރި ކުރާ ޢަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންވެ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށާއި އޭގެއިތުރުން ވެސް މިފަދަ ބިލުތައް އެކި ވުޒާރާތަކުގައި ހުރުން އެކަށީގެންވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެކަން ދެނެގަތުމުގެ މަސައްކަތް އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކީ ކުރައްވަމުން ގެންދަވާ ކަމަށްވެސް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައިހުރި، އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ކޭޝްޕްލޯއިން ފައިސާ އަދާ ނުކުރެވި ހުރި 3 ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިވާ ކަން ވެސް ވަޒީރު ވަނީ ފާހަގަ ކުރައްވައިފައެވެ.
ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މިކަމާ ގުޅޭގޮތުން ކުރިއަށް ދާނެ ގޮތުގެ ލަފާ އަށް އޮޑިޓަރ ޖެނެރަލް އަރިހުގައި ލިޔުމުން އެދިފައިވާނެ ކަމަށާއި، އަދި މިކަމުގައި ކުރިއަށް ދާނީ ބަންޑާރަ ނައިބުގެ ކިބައިން ލިބޭ ލަފާއާ ވެސް އެއްގޮތަށް ކަމަށެވެ.
މިދިޔަ ސަރުކާރުގައި ޚަރަދުތައް ރިކޯޑު ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަން ވަޒީރު ފާހަގަކުރެއްވެވިއެވެ.
މި ބައްދަލުވުމުގައި މިކަމާއި މެދު ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިދިޔަ އަހަރު ޚަރަދުކޮށް ރެކޯޑް ނުކޮށް ދެ ބިލިއަނެއްހާ ރުފިޔާ ހުރިއިރު، އެ ފައިސާ މި އަހަރުގެ ތެރެއަށް ރެކޯޑް ކުރެވިއްޖެ ނަމަ، އެއީ ޤާނޫނާ ޚިލާފު ކަމަކަށް ވާނެ ކަމަށެވެ. އެހެންވެ އެކަމަށް ޤާނޫނީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ އެ އަހަރެއްގައި ފާސްކުރާ ބަޖެޓާ އެއްގޮތަށް ޚަރަދު ކުރަންވާނެ ކަމާއި އެއާ ޚިލާފަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެއާ ޚިލާފަށް ބަޖެޓުން ޚަރަދު ކުރާ ނަމަ، އެކަމެއް ވާނީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ކުރުމަށް ފަހު، ސަޕްލިމެންޓް ކުރަން ބަޖެޓް ހުށަހެޅުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށްވެސް ބަންޑާރަނައިބު އުޝާމް ވިދާޅުވި އެވެ.
ނަމަވެސް، މިދިޔަ ދައުރުގައި 2020 ވަނަ އަހަރުން ފެށިގެން ބަޖެޓް ހުށަހަޅާފައިވަނީ އެގޮތަށް ކަމަށާއި އޭރު މަޖިލީހުގައި ވެސް މި ޝަކުވާ އުފުލާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތަށް ޢަމަލު ކުރަމުން އައިސް، މި އަހަރާ ހަމައަށް ރެކޯޑް ނުކުރެވި ދައުލަތުން ޚަރަދުކޮށްފައިވާ ގިނަ ޢަދަދެއްގެ ފައިސާތަކެއް ހުރިއިރު، މިއީ ސަރުކާރުން ބަލައި ފިޔަވަޅު އަޅާނެ ކަމެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ. މިކަމުގައި ޢަމަލުކޮށްފައިވާ ގޮތަކީ މާލިއްޔަތު ޤާނޫނާއި ޤާނޫނާއަސާސީއާ ވެސް ޚިލާފު ކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
އެ ފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން. ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި ވަރަށް ބޮޑު ގޯސްތަކެއް ހަދާފައި އެބަހުރި. އެހެންވީމަ އެއީ އަޅުގަނޑުމެން އެހާ ފަސޭހައިން ދޫކޮށްލާ ކަމަކަށް ވެގެން ނުވާނެ
އުޝާމް ވިދާޅުވި އެވެ.