ވިޔަފާރި / ޚަބަރު
ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ ރިޒަރވް %5އަށް ދަށްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ފޮޓޯ: ޕީއެސްއެމް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) %5އަށް ދަށްކޮށްފިއެވެ. މި ބަދަލު ގެނަސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މި އުސޫލު ކުރިން އޮތް ގޮތުން، އެމްއާރުއާރު ކުރިން ހުރީ %7.5 އެވެ.
ހަމައެކަނި ބޭރު ފައިސާއަށް ޙާއްސަކޮށްފައިވާ މި ބަދަލަކީ، އެއް އަހަރުގެ ތެރޭގައި ގެނެވުނު މިފަދަ ދެވަނަ ބަދަލެވެ. އެންމެ ފަހުން ބޭރު ފައިސާގެ މިނިމަން ރިޒާރވްއަށް ބަދަލު ގެނަސްފައިވަނީ އޮކްޓޯބަރު 2024 ގައެވެ. ބޭރު ފައިސާގެ ލިކުއިޑިޓީއަށް ޙައްލު ހޯދުމަށް އެ ފަހަރު އެމްއާރްއާރް ބަދަލުކުރީ 10% އިންނެވެ.
ބޭރު ފައިސާގެ އެމްއާރުއާރުއަށް ބަދަލު ގެނައި ނަމަވެސް، އޭރުން ފެށިގެން ވެސް އެމްއެމްއޭއިން ވަނީ ރުފިޔާގެ ރިޒަރވް ރިކުއަރމަންޓަށް ބަދަލެއް ނުގެނެސް %10 ގައި ހިފަހައްޓާފައެވެ.
އެމްއާރްއާރް އަކީ ބޭންކިންގ ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ ވަޞީލަތެކެވެ. މިގޮތުން ހުރިހާ ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ކަނޑައެޅިފައިވާ މިންވަރެއް ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހެއެވެ. ވުމާއެކު އެމްއާރްއާރް އަކީ ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި އެ ބޭންކެއްގެ ޖުމުލަ ދިވެހި ރުފިޔާ އަދި، ބޭރު ފައިސާގެ ޑިޕޮސިޓްތަކުގެ ތެރެއިން، ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހޭ ވަކި މިންވަރެކެވެ. އަދި އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް އެމްއާރްއާރްގެ ގޮތުގައި ބަހައްޓަން ޖެހޭ ނިސްބަތް ބަދަލުކުރެއެވެ.
އެމްއެމްއޭއިން ބޭރު ފައިސާގެ ރިޒާރވްއަށް ބަދަލު މި ގެނައީ، ބޭންކިން ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމަށެވެ. މިއީ އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް ލިބިގެންދާނެ ބާރެއްކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. އަދި މި ބަދަލުގެ ސަބަބުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކުރުމަށް ބޭންކުތަކަށް ވަގުތުން ލިބިގެންދާނެކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.
އެމްއެމްއޭއިން ދައުރުވާ ފައިސާ (މަނީ ސަޕްލައި) ބެލެހެއްޓުމަށާއި އަގުތައް މައްޗަށް ދިއުން ކޮންޓްރޯލްކުރުމަށް އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކުރެއެވެ. މީގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަންތައް، ޕޮލިސީ ރޭޓަށް ގެންނަ ބަދަލުތައް، އަދި ވަކި އަމާޒުތަކަކަށް ބިނާކޮށް ބޭރު ފައިސާގެ މާރުކޭޓަށް އަސަރުކުރުވުން ހިމެނެއެވެ. މި ވަސީލަތްތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން، އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވުމާއެކު ބޭންކިންގ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އެމްއެމްއޭއިން މަސައްކަތްކުރެއެވެ.