Ads by Stelco

ޚަބަރު

ޤައުމަށް ޚިދުމަތްކުރުމުގައި ފުލުހުން އަބަދުވެސް ތިބީ ތައްޔާރަށް: ސީޕީ ނަވީން

ޤައުމަށް ޚިދުމަތްކުރުމުގައި ފުލުހުން އަބަދުވެސް ތިބީ ތައްޔާރަށް: ސީޕީ ނަވީން

ސީޕީ ނަވީން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ.

farudhun logo

ފަރުދުން

26 ޖުލައި 2025، 11:36

26 ޖުލައި 2025، 11:36

ޤައުމަށް ޚިދުމަތްކުރުމުގައްޔާއި، މުޖުތަމަޢުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ޤާއިމްކުރުމުގައި، ދިވެހި ފުލުހުން އަބަދުވެސް ތިބީ ތައްޔާރަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. ސީޕީ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސިފައިންނާއި ފުލުހުންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ އެއް ފުރާޅެއްގެ ދަށުން، ދިވެހި ފުލުހުންނާއި ސިފައިންނާ އެކު ރައީސް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، ދިވެހި މުޖުތަމަޢުގައި މިނިވަންކަމާއި އަމަންއަމާންކަން ކަށަވަރުކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. ވީމާ، ރާއްޖޭގައި ކުރެވެމުންދާ ކުށްތަކާއި އެކުށްތަކުގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރުމަށް މުހިންމު މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ. މިގޮތުން، މަސްތުވާތަކެއްޗާއި، ޓެރަރިޒަމް ޢަމަލުތަކާއި، ގޭންގު ކުށްތަކާއި، ކުޑަކުދިންނާ މެދު ކުރެވޭ ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސީޕީ ނަވީން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް، ރާއްޖޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ސިޕީ ނަވީން ވިދާޅުވިއެވެ. ޖުމުލަގޮތެއްގައި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުން ދާނޭ ކަމުގެ ޔަޤީންކަން ސީޕީ ވަނީ އަރުއްވާފައެވެ.

"ޢިއްޒަތްތެރި ރައީސް. ކޮމިޝަނަރ އޮފް ޕޮލިސް ގެ ޙައިޘިއްޔަތުން، އަޅުގަނޑު މަނިކުފާނަށް، އަދި ލޮބުވެތި ދިވެހި ރައްޔިތުންނަށް، މިއަދު ދޭ ޔަޤީންކަމަކީ: ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހި ފުލުހުން ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާނޭ ކަމުގެ ޔަޤީންކަން. ކާރިޘާ ތަކާއި ޙާދިޘާ ތަކުގައި ރައްޔިތުންނަށް ކުރިމަތިވާ ޙާލަތްތަކުން އަރައިގަނެ، ޢާންމު ހާލަތަށް ކަންތައްތައް ގެނެސްދިނުމަށް ފުލުހުން އަބަދުވެސް ތައްޔާރަށް ތިބިކަމުގެ ޔަޤީންކަން." ސީޕީ ނަވީން ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުން، ފުލުހުންގެ ޚިދުމަތް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށާއި، އޮޕަރޭޝަނަލް އަދި ތަޙުޤީޤީ ފެންވަރު ރަނގަޅުކުރުމަށާއި، ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ޚިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. މިކަންކަން ޙާޞިލްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުލު ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން