ޚަބަރު
ނައިބުރައީސް ހުސެއިން ރަސްމީދަތުރުފުޅެއްގައި ސަމޯއާއަށް ފުރައިވަޑައިގެންފި!
ނައިބުރައީސް ހުސެއިން ސަމޯއާއަށް ފުރައިވަޑައިގަތުމަށް އެއަރޕޯޓުގައި. ފޮޓޯ:ރައީސް އޮފީސް
ނައިބުރައީސް ހުސެއިން މުޙައްމަދު ލަޠީފް ރަސްމީދަތުރުފުޅެއްގައި ސަމޯއާއަށް ފުރައިވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ނައިބުރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެެވެ.
ނައިބު ރައީސް ހުސެއިންގެ މި ދަތުރުފުޅުގައި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސްއޮފީހުން ބުނެފައިވެއެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ބައިނަލްއަޤުވާމީ ފެންވަރެއްގައި އިޤްތިޞާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި، ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ޤައުމަކަށް ލިބޭ މުހިންމު މަންސައެކެވެ. އަދި މި އަހަރުގެ ބައްދަލުވުން ވެގެންދާނީ، އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29) ގެ ކުރިން، ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް މެންބަރު ޤައުމުތަކަށް ލިބޭ މުހިންމު ފުރުޞަތަކަށެވެ.
2024 ވަނަ އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު 21 އިން 26 އަށެވެ.