ދުނިޔެ

ޗައިނާގެ އާބާދީ ދަށްވަމުންދާތީ، 3 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް 500 ޑޮލަރުގެ ސަބްސިޑީ އެއް

ޗައިނާގެ އާބާދީ ދަށްވަމުންދާތީ، 3 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް 500 ޑޮލަރުގެ ސަބްސިޑީ އެއް

ޗައިނާއަށް ނިސްބަތްވާ އާއިލާއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2025، 03:42

28 ޖުލައި 2025، 03:42

ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމު ކަމަށްވާ ޗައިނާގެ އާބާދީ އިތުރުކުރުމަށްޓަކައި، އެޤައުމުގެ ސަރުކާރުން ކުޑަކުދިން ތަރުބިއްޔަތުކުރުމަށް އެހީތެރިވުމުގެ ގޮތުން، ތިން އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް އަހަރަކު 500 ޑޮލަރު (ގާތްގަނޑަކަށް 7,700 ރުފިޔާ) ގެ ސަބްސިޑީއެއް ދޭން ފަށައިފިއެވެ. މިކަން ޗައިނާގެ ދައުލަތުގެ މީޑިއާއިން ހޯމަ ދުވަހު ހާމަކޮށްފައިވަނީ، އާބާދީގެ ބޮޑު ކާރިސާއަކާ ޗައިނާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

މި ސަބްސިޑީ ދިނުމުގެ ނިންމުން ނިންމާފައިވަނީ ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސް ޕާޓީއާއި، ޗައިނާގެ ކެބިނެޓް ކަމަށްވާ ސްޓޭޓް ކައުންސިލް ގުޅިގެންނެވެ. ސީސީޓީވީން ބުނީ މިއީ "އާންމު ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް އަމާޒުކޮށްފައިވާ ގައުމީ ބޮޑު ސިޔާސަތެއް" ކަމަށާއި، މިކަމުގެ ސަބަބުން ކުދިން ތަރުބިއްޔަތުކުރުމުގެ ބުރަ ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ޗައިނާގެ އާބާދީ ވަނީ ތިން އަހަރު ފަހަތް ޖެހިފައެވެ. އދ. ގެ އާބާދީގެ މޮޑެލްތަކުން ލަފާކުރާ ގޮތުގައި، މިހާރު 1.4 ބިލިއަން އާބާދީއެއް އޮތް ޗައިނާގެ އާބާދީ 2100 ވަނަ އަހަރާ ހަމައަށް 800 މިލިއަނަށް ދަށްވެދާނެއެވެ. މިދިޔަ އަހަރު ޗައިނާއިން އުފަންވެފައިވަނީ އެންމެ 9.54 މިލިއަން ކުދިންނެވެ. މިއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު ދެބައިކުޅަ އެއްބަޔަށް ވުރެ މަދު އަދަދެކެވެ. 2016 ވަނަ އަހަރަކީ ޗައިނާއިން ތިން ދަރިންނަށް ވުރެ ގިނަ ނުހޯދުމަށް އަމަލުކުރަމުން އައި "އެއްކުއްޖަކު ހޯދުމުގެ ސިޔާސަތު" ނިމުމަކަށް ގެނައި އަހަރެވެ.

މިދިޔަ އަހަރު ޗައިނާގެ އާބާދީ 1.39 މިލިއަން ދަށްވެފައިވާއިރު، 2023 ވަނަ އަހަރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު ޗައިނާއަށް ވަނީ ގެއްލިފައެވެ. ކުދިން ބޮޑުކުރުމުގެ ހަރަދު ބޮޑުވުމާއި، ވަޒީފާއަށް ދޭ ސަމާލުކަމުގެ ސަބަބުން ގިނަ ޒުވާން ދެމަފިރިން ދަނީ ކުދިން ހޯދުމަށް ފަސްޖެހެމުންނެވެ. އެހެންކަމުން، ކައިވެނިކުރާ މީހުންގެ އަދަދުވެސް ވަނީ ތާރީހުގައި ނުދާވަރަށް ދަށްވެފައެވެ.

މި ސަބްސިޑީތަކުން އެކަނި ޗައިނާގެ އާބާދީ ދަށްވުން ހުއްޓުވައި ނުވަތަ ދިގު މުއްދަތަށް ދިމާވެފައިވާ ގައުމީ ހަރަދު ދަށްވުމުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ތަހުލީލުކުރާ ފަރާތްތަކުން ވަނީ އިންޒާރު ދީފައެވެ. ކެޕިޓަލް އިކޮނޮމިކްސްގެ ޗައިނާ އިކޮނޮމިސްޓް ޒިޗުން ހުއާންގ ވިދާޅުވީ "މިކަމަށް ހަރަދުކުރާ އަދަދުތައް ކުޑަވުމުގެ ސަބަބުން، ކުދިން ލިބޭ ނިސްބަތަށް ނުވަތަ ކޮންސަމްޕްޝަނަށް ގާތް މުއްދަތެއްގައި އަސަރެއް ނުކުރާނެ" ކަމަށެވެ. ނަމަވެސް، މިއީ އާއިލާތަކަށް ސީދާ ފައިސާގެ އެހީ ދިނުމުގައި މުހިންމު ފިޔަވަޅެއް ކަމަށާއި، މުސްތަގުބަލުގައި އިތުރު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާގެ ގިނަ ލޯކަލް ސަރުކާރުތަކުން ވަނީ ކުދިން ލިބުން ހިތްވަރު ދިނުމަށްޓަކައި މީގެ ކުރިންވެސް ސަބްސިޑީތައް ދޭން ފަށާފައެވެ. މިސާލަކަށް، މިދިޔަ މާޗް މަހު ޗައިނާގެ އުތުރުގައި އޮންނަ އިންނާ މޮންގޯލިއާގެ ވެރިރަށް ހޯހޯޓްއިން ވަނީ ތިން ނުވަތަ އެއަށް ވުރެ ގިނަ ކުދިން ލިބޭ ދެމަފިރިންނަށް އަލަށްލިބޭ ކޮންމެ ކުއްޖަކަށް 100,000 ޔުއާން (ގާތްގަނޑަކަށް 14,000 ޑޮލަރު) ދޭން ފަށާފައެވެ. ފުރަތަމަ އަދި ދެވަނަ ކުއްޖާއަށް ވަނީ 10,000 ޔުއާން (1,400 ޑޮލަރު) އާއި 50,000 ޔުއާން (7,000 ޑޮލަރު) ގެ ސަބްސިޑީ ދިނުމަށް ނިންމާފައެވެ.

އިތުރު ރަސްމީ ދަފްތަރުތަކުން ދައްކާ ގޮތުގައި، މިހާރު ޗައިނާގެ 20 އަށް ވުރެ ގިނަ ޕްރޮވިންޝަން ސަރުކާރުން ދަނީ ކުޑަކުދިން ބެލެހެއްޓުމަށް އެހީގެ ގޮތުގައި ސަބްސިޑީ ދެމުންނެވެ. ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގ ވަނީ މާޗް މަހު ސަރުކާރުގެ އަހަރީ ރިޕޯޓްގައި ކުޑަކުދިން ބެލެހެއްޓުމަށް ސަބްސިޑީ ދިނުމުގެ ވައުދުވެފައެވެ.

ޗައިނާގެ އާބާދީ ދަށްވުމުގެ އިތުރުން، އާބާދީގެ މީހުން ދަނީ އުމުރުން ދުވަސްވަމުންނެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ ޕެންޝަން ނިޒާމުގެ މުސްތަގުބަލާމެދު ކަންބޮޑުވުންތައް އުފެދިފައިވެއެވެ. 2024 ވަނަ އަހަރު ޗައިނާގައި 60 އަހަރުން މަތީގެ ގާތްގަނޑަކަށް 310 މިލިއަން މީހުން ދިރިއުޅެމުންދާ ކަމަށް ހިސާބުތަކުން ދައްކައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS