ދުނިޔެ
ވިއްސާރައިގެ ސަބަބުން ފެންބޮޑުވާނެ ކަމުގެ އިންޒާރު ޗައިނާގެ 11 ޕްރޮވިންސަކަށް ދީފި، ފެންބޮޑުވެ 4 މީހަކު މަރުވެއްޖެ

ޗައިނާއަށް ބޯކޮށް ވާރޭ ވެހެމުންދަނީ
ޗައިނާގެ އުތުރުގައި ހުރި ހެބެއި ޕްރޮވިންސްގައި އާދަޔާ ޚިލާފަށް ބޯކޮށް ވެހުނު ވާރެއާ ގުޅިގެން ފަސްގަނޑު ކަނޑައިގެން ގޮސް 4 މީހުން މަރުވެ، 8 މީހުން ގެއްލިފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
މި ހާދިސާ އާއިއެކު، ވެރިރަށް ބެއިޖިންގ އާއި އިތުރު 11 ޕްރޮވިންސްގައި ފެންބޮޑުވުމުގެ އިންޒާރު ދީފައިވެއެވެ.
ސީސީޓީވީން ރިޕޯޓުކުރި ގޮތުގައި ޗެންގްޑޭ ސިޓީ ކައިރީގައި އޮންނަ ރަށެއްގައި މި ހާދިސާ ހިނގީ ބޯކޮށް ވެހުނު ވާރޭގެ ސަބަބުންނެވެ. ބެއިޖިންގގެ މިޔުން ސަރަހައްދުގައި މެދުނުކެނޑި ވެހެމުންދާ ވާރޭގެ ސަބަބުން ކުއްލި ފެންބޮޑުވުމާއި ފަސްގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގައި، ގިނަ ރަށްތަކަށް އޭގެ އަސަރުކޮށް، 4،400 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ.
ޗައިނާގެ ވީޗެޓް އެޕްގައި ދައުރުވަމުންދާ މަންޒަރުތަކުން ދައްކާ ގޮތުގައި މިޔުންގެ ބައެއް ސަރަހައްދުތަކުގައި ކާރުތަކާއި ޓްރަކުތައް ފެންބޮޑުވެފައިވާ މަގުތަކުގައި ދަތުރުކުރަމުންދާއިރު، ގޭގެ ވެސް ފެނުގެ އަޑީގައި ވަނީ ޖެހިފައެވެ. މި ސަރަހައްދުގައި 10،000 އަށްވުރެ ގިނަ މީހުންނަށް ކަރަންޓު ކެނޑިފައިވާ ކަމަށް ސީސީޓީވީން ބުންޏެވެ.
ޗައިނާގެ މޫސުމާބެހޭ މަރުކަޒުން ބުނާ ގޮތުގައި އުތުރު ޗައިނާގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ބޯކޮށް ވާރޭވެހޭނެއެވެ. އަދި ފެން ވަސީލަތްތަކާބެހޭ މިނިސްޓްރީން 11 ޕްރޮވިންސް އަދި ސަރަހައްދުގައި ފެންބޮޑުވުމުގެ އިންޒާރު ދީފައިވެއެވެ.
ޒިންހުއާ ނިއުސް އެޖެންސީން ބުނާ ގޮތުގައި ބެއިޖިންގ އިން ވަނީ އެންމެ މަތީ ފެންވަރުގެ ފެންބޮޑުވުމުގެ އިންޒާރެއް ދީފައެވެ. އަދި ޤައުމީ ކުއްލި ހާލަތު ބެލެހެއްޓުމާބެހޭ ޑިޕާޓްމަންޓުން ވަނީ ބެއިޖިންގ ވަށައިގެންވާ ހެބެއި ސަރަހައްދުގައި ހިނގަމުންދާ "ނުރައްކާތެރި" ފެންބޮޑުވުމުގެ ހާދިސާތައް ބެލުމަށް ޓީމެއް ފޮނުވާފައެވެ