ޚަބަރު
މިނިވަން 60: އެޗްޑީސީގެ ފުޅަނދަށް ބޮޑު ތަރުޙީބެއް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭވެސް ފުޅަނދުތައް ދައްކާލަނީ

އެޗްޑީސީގެ ފުޅަނދަށް ބޮޑު ތަރުޙީބެއް ފޮޓޯ: އެޗްޑީސީ
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުކުރި ފުޅަނދުތަކަށް ބޮޑު ތަރުޙީބެއް ލިބުމާ ގުޅިގެން މިއަދުވެސް ހުޅުމާލޭގައި އެ ފުޅަނދުތައް ދައްކާލުމަށް ނިންމައިފިއެވެ.
ޖުލައި 26 އާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދު ރޭގައި ހުޅުމާލޭގެ މަގުތަކުގައި ދައްކާލާފައިވާއިރު، މި ހަރަކާތަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ވަކިން ޚާއްސަކޮށް، ފުޅަނދު ބަލަން ނުކުތް ކުޑަކުދިންނަށް މި ފުޅަނދުތައް ވަރަށް ބޮޑަށް ކަމުގޮސްފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
އެހެންކަމުން، އާންމުންގެ އެދުމަށް އެއްބަސްވެ، މިއަދު ހަވީރު 16:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:30 އަށް ފުޅަނދުތައް ދައްކާލުމަށް ވަނީ ނިންމާފައެވެ. މި ފުޅަނދުތައް ބަހައްޓާފައިހުރީ ހުޅުމާލޭގެ ސެންޓްރަލްރ ޕާކުގައެވެ.
އެޗްޑީސީން މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ މަޝްހޫރު 'މައިންކްރާފްޓް' ތީމަށް ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން، ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް މި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ އެޗްޑީސީގެ މުވައްޒަފުންގެ 100 އިންސައްތަ ބުރަ މަސައްކަތުން ދެ ހަފްތާގެ ތެރޭގައެވެ.
މިއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެކެވެ. އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް މިފަދަ ދުވަސްތަކާ ގުޅުވައިގެން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމެވެ.