ދުނިޔެ

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަވަހަށް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް އަލުން ދެއްވައިފި

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަވަހަށް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް އަލުން ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖުލައި 2025، 09:09

28 ޖުލައި 2025، 09:09

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަވަހަށް ނައްތާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ދެއްވައިފިއެވެ.

 މި އިންޒާރު ދެއްވާފައިވަނީ އީރާނުން ސިވިލް ބޭނުންތަކަށް ނިއުކްލިއަރ އެންރިޗްމަންޓް ކުރިއަށް ގެންދާނެ ކަމަށް ބުނުމާ ގުޅިގެންނެވެ.

ސްކޮޓްލެންޑްގައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުން ދައްކަމުންދަނީ "ވަރަށް ނުބައި، ވަރަށް ނުރަނގަޅު އިޝާރާތްތަކެއް" ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އަހަރެމެން އެމީހުންގެ ނިއުކްލިއަރ ޤާބިލްކަން ނައްތާލައިފިން. އެމީހުންނަށް އަލުން ފެށިދާނެ. އެކަމަކު އެކަން ކޮށްފިއްޔާ، އިނގިލި ޖަހާލާ ވަގުތަށްވުރެ އަވަހަށް އެކަން ނައްތާލާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

މި އިންޒާރު އައިސްފައިވަނީ އީރާނާއި އިސްރާއީލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ހުއްޓުމަކަށް އައި ހަމަހިމޭންކަމާ ދޭތެރޭ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން "މާބޮޑު އުއްމީދެއް ނުކުރައްވާ" ކަމަށް ވިދާޅުވުމަށްފަހުގައެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ހަމްނެއީއަށް އަމާޒުކޮށް އިންޒާރުދެއްވާފައެވެ.

ޖޫން 22 ގައި އީރާނުގެ ފޯޑޯ، ނަޓަންޒް އަދި އިސްފަހާން ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް "ފުނޑުފުނޑުކޮށްލެވުނު" ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ފަހުގެ އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކާގޮތުގައި ލިބުނު ގެއްލުން އެހާ ބޮޑު ނޫނެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާއިން ވަނީ އީރާނާއެކު ވެފައިވާ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އިން ވަކިވެފައެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުން ނިއުކްލިއަރ ޕްރޮގްރާމް މަޑުޖައްސާލުމުން ދެވޭ ފައިދާތަކެއް ހިމެނެއެވެ. އެހެންނަމަވެސް އެމެރިކާ އެއްބަސްވުމުން ވަކިވުމާ ގުޅިގެން އީރާނުން ވަނީ އެއްބަސްވުމުގައިވާ މިންވަރަށްވުރެ މަތިން ޔުރޭނިއަމް އެންރިޗް ކުރަން ފަށާފައެވެ. ނަމަވެސް އީރާނުން ދަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަޤްޞަދެއް ނެތް ކަމަށް ބުނަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން