ޚަބަރު
އެޗްޑީސީއާއެކު، ޙާއްސަ އެހީއަށް ބޭނުންވާ މީހުން މުޖްތަމައުއަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންގޮސްފި

ޙާއްސަ އެހީއަށް ބޭނުންވާ މީހުން މުޖްތަމައުއަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާ ގުޅިގެން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) ގައި ދިރިއުޅޭ ފަރާތްތައް މުޖްތަމައުއަށް އަހުލުވެރިކޮށް، އަލުން މުޖްތަމައަށް ގުޅުވައިލުމުގެ ޕްރޮގްރާމެއް މިއަދު ހުޅުމާލޭގައި ކުރިއަށްގެންގޮސްފިއެވެ.
މިއީ، އެޗްޕީއެސްއެންގައި ދިރިއުޅޭ ފަރާތްތައް އަނބުރާ މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން، އެމީހުން މުޖްތަމައުއަށް އަހުލުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް، އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ ދަށުން، ގުރައިދޫ މަރުކަޒުގައި ދިރިއުޅޭ 17 ފަރާތެއް މިއަދު ހުޅުމާލެއަށް ގެނެސް، އެމީހުންނަށް ހުޅުމާލެ ދައްކާލައި، ބެލެނިވެރިކަމުގެ ދަށުން އާންމު ދިރިއުޅުމުގައި ބައިވެރިވެ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެޗްޑީސީން ވަނީ ފަހިކޮށްދީފައެވެ. މި ދަތުރުގައި މުޅި ހުޅުމާލެ ދައްކާލުމަށް ޓުއާއެއް ކުރިއަށްގެންދިޔުމުގެ އިތުރުން، އާއިލީ މާހައުލެއްގައި ކެއުމުގެ އިންތިޒާމުތައް ވަނީ ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާއިލާތަކާ އެކު ދުވަހުގެ މެންދުރު ކެއުމަށް ހަމަޖައްސާފައެވެ.
އަދި އާންމުންނާ އެކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތުވެސް އެމީހުންނަށް ވަނީ މި ދަތުރުގެ ތެރެއިން ފަހިކޮށްދީފައެވެ. މުޅި ދުވަސް އެއްކޮށް ނިންމާލީ ހަވީރުގެ ސަޔާއެކު، ސެންޓްރަލް ޕާކުގައި އެފަރާތްތަކަށް ހާއްސަކުރެވިފައިވާ ހަރަކާތްތަކާއެކުގައެވެ. މީގެ އިތުރުން މިނިވަންދުވަހަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ފުޅަނދުތައް ބަލާލުމުގެ ފުރުސަތުވެސް މި ބައިވެރިންނަށް ލިބިފައިވެއެވެ.
މި ދަތުރު ނިންމާލެވިފައިވަނީ އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން މިވަގުތު ގުރައިދޫ މަރުކަޒުގައި ތިއްބެވި ފަރާތްތަކަށް ޒަރޫރީ ބައެއް ސާމާނު ހަދިޔާކުރުމާ އެކުގައެވެ. މި ޕްރޮގްރާމު ކުރިއަށްގެންދިއުމުގެ ކުރިން، ހެލްތް މިނިސްޓްރީގެ މެންޓަލް ހެލްތް ޑިޕާރޓްމެންޓްގެ ބޭފުޅުންނާއެކު އެޗްޑީސީގެ ސްޓާފުން އަދި މެނޭޖްމަންޓުން މިދިޔަ ހަފްތާގައި ގުރައިދޫ މަރުކަޒުގެ ހާލަތު ބައްލަވައިފައިވެއެވެ.
އެޗްޑީސީއަކީ މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގްރާމުތައް އިސްވެ ހިންގައި، އެހީތެރިވެދޭ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.