Ads by Stelco

ޚަބަރު

ވައި ބާރުވާނެތީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

ވައި ބާރުވާނެތީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

ކަނޑުގަދަ ދުވަހެއްގައި ކަނޑުމަތީގައި އުޅަނދެއް ދުއްވާފައި ދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 ޖުލައި 2025، 07:37

29 ޖުލައި 2025، 07:37

ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވެ، ވައިބާރުވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މި ކަމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން  އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލުގެ ބާރުމިނުގައި ވައި ޖެހުމުގެ ސަބަބުން ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.

އެހެންކަމުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އަންގާފައިވެއެވެ.

މީގެއިތުރުން، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭނަމަ، މޫސުން ރަނގަޅުވަންދެން ދަތުރު ފަސްކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ދަތުރުނުކުރުމަށް ވަނީ އަންގާފައެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ކަނޑު އުޅަނދުފަހަރަށް އެކި ވަރުގެ ގެއްލުން ލިބެމުންދާއިރު، ބައެއް ފަހަރު ފުރާނައަށް ގެއްލުން ލިބޭ ހާދިސާތައް ވެސް ހިނގާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން