Ads by Stelco

ޚަބަރު

ޣައްޒާ ސަލާމަތްކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވާލައިފި

ޣައްޒާ ސަލާމަތްކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 ޖުލައި 2025، 07:11

30 ޖުލައި 2025، 07:11

ފަލަސްތީނުގެ ޣައްޒާގައި ކުރިޔަށްދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ގޮވާލައްވައިފިއެވެ. 

ސްވިޒަރލެންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ 6 ވަނަ ވޯލްޑް ކޮންފަރެންސް އޮފް ސްޕީކަރސް އޮފް ޕާލިމަންޓުގައި ތަޤުރީރު ކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ޣައްޒާ ސަލާމަތްކުރުމަށްޓަކައި ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުން އަވަސް މަލްޓިލެޓަރަލް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމުގައެވެ.

އަދި ސުލްޙަ އާއި އިންސާފާއި ތަނަވަސްކަން ކުރިއެރުވުމުގައި އެއްބައިވަންތަކަމާއެކު ތިބުމަށާއި، ބައިނަލްއަޤްވާމީ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ އަޑު ހިމެނުމަށް އ.ދ.އާ ގުޅިގެން ގާތުން މަސައްކަތްކުރެއްވުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ޣައްޒާ އާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކުން ފެށިގެން މޫސުމަށް އަންނަ ބަދަލުތަކާއި އިތުރުވަމުން އަންނަ ނަހަމަކަމުގެ ސަބަބުން ގިނަ ފަހަރަށް އޭގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށްކަމަށެވެ. އެހެންކަމުން ސުލްޙަވެރިކަމާއި ތަނަވަސްކަން ދެމެހެއްޓުމަށްޓަކައި ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމަށާއި، އިންސާފުވެރިކަމާއެކު އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގެ ކްލައިމެޓް އިމަރޖަންސީ ޤާނޫނާއި، 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސްގެ ބޮޑު އަމާޒަށް ދިވެހިރާއްޖެ ކުރަމުންދާ ދަތުރު ފާހަގަކުރައްވައި، ނާޒުކު ޤައުމުތަކަށް ބައިނަލްއަޤްވާމީ ގޮތުން އިތުރު އެހީތެރިކަމާއި ތާޢީދު ބޭނުންވާކަން ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، ކޮންފަރެންސްގެ ޝިއާރުކަމުގައިވާ "އަ ވޯލްޑް އިން ޓާމޮއިލް: ޕާލިމަންޓަރީ ކޯޕަރޭޝަން އެންޑް މަލްޓިލެޓަރަލިޒަމް ފޯރ ޕީސް، ޖަސްޓިސް އެންޑް ޕްރޮސްޕެރިޓީ ފޯ އޯލް" އަށް އަލިއަޅުވާލައްވައި ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވީ، ބައިނަލްއަޤްވާމީ އެއްބާރުލުމާއި މަލްޓިލެޓަރަލިޒަމް އަދި ޕާލިމަންޓަރީ ޑިޕްލޮމެސީއަށް ދިވެހިރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަން ދޭ ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ޕާލިމަންޓަރީ ޑިޕްލޮމަސީގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން