ޚަބަރު
މައުރޫފް، އެޗްޑީސީގެ އެމްޑީ ގެ މަޤާމުން އިސްތިއުފާ ދެއްވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މައުރޫފް ޖަމީލް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މައުރޫފް ޖަމީލް ދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި މައުރޫފް ހަވާލުވެވަޑައިގަތީ މީގެ ހަމަސްކުރިންނެވެ.
މައުރޫފް ޖަމީލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މި ސަރުކާރުން ހަވާލުކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަތީ، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ވަރަށް ސީރިއަސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، އެ މައްސަލަ ބަލަން ފެށުމުން ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މައުރޫފް ޖަމީލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އެޗްޑީސީ ފުރަތަމަ އުފައްދައިގެން އެ ކުންފުނީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްވެސް މެއެވެ.
މަގާމާ ހަވާލުވިތާ ހަ މަސް ފަހުން ރިޓަޔާކުރައްވަން ނިންމެވިކަން ނޫސްތަކަށް އެރީ މި މަހު ހަތްވަނަ ދުވަހުއެވެ. އެ ދުވަހު މި ވާހަކަ ނޫސްތަކުގައި ރިޕޯޓުކުރުމުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، މަގާމާ ހަވާލުވީ ގިނަ ދުވަހު މަސައްކަތްކުރުމުގެ ވިސްނުމުގައި ނޫން ކަމަށާއި އެކަމަކު މަސައްކަތަށް އޮތް ޝައުގަކާއި ހާސިލުކުރަން ބޭނުންވާ ކަންތައްތަކެއް ހުރުމުން ހަވާލުވީ ކަމަށެވެ. އަދި، އެޗްޑީސީގެ އެމްޑީގެ މަގާމުން ވަކިވެ، ރިޓަޔާކުރެއްވި ނަމަވެސް އެޑްވައިޒަރީ މަގާމެއްގައި ހުޅުމާލެއަށް ޚިދުމަތްކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފަކީ އާކިޓެކްޓެއްގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ ދިރާސާ ވެސް ކުރައްވާ ބޭފުޅެކެެވެ. އޭނާ އެ ދާއިރާއިން ފޮތްތައް ވެސް ލިޔުއްވާފައިވެއެވެ. ހުޅުމާލެ ހިއްކައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު އޭނާވަނީ މުހިންމު ދައުރެއް އެ ކަމުގައި އަދައިކުރައްވައިފައެވެ.މައުރޫފް އިސްތިއުފާދެއްވި ވަކި ސަަަބަބެއް އަދި ހާމަކުރައްވާފައެއްނުވެއެވެ.