ޚަބަރު
އެޗްޑީސީން ތިލަފުށީގައި ތަރައްޤީކުރި އައު ކެމިކަލް ގުދަންތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ތިލަފުށި ފޮޓޯ: އެޓޯލް އޮބްސްކިއަރ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތިލަފުށީގައި ތަރައްޤީކުރި ކެމިކަލް ގުދަންތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ. މި ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައި މާލޭގެ އާއްމުން ދިރިއުޅޭ ސަރަޙައްދެއްގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ނުރައްކާތެރި ހާދިސާއެއް ހިނގުމާއި ގުޅިގެންނެވެ.
އެޗްޑީސީން ވަނީ ކެމިކަލް ގުދަން ކުއްޔަށް ދިނުމަށްޓަކާ ދެ އިމާރާތެއް ތަރައްޤީކޮށްފައެވެ. މި ދެ އިމާރާތުން ޖުމްލަ 16 ގުދަނެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި 990 އަކަފޫޓުން މަތީގެ 14 ގުދަން ހިމެނެއެވެ. މިކަމުގެ ބީލަން ހުށައެޅުން އޮންނާނީ އޮގަސްޓްމަހުގެ 20 ވަނަ ދުވަހުއެވެ.
މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމުމަށް މެދުވެރިވި ސަބަބަކީ، 2019 ވަނަ އަހަރު ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި ޙާދިސާއެވެ. މި ހާދިސާގައި 31 އާއިލާއަކަށް ގެއްލުންވިއިރު، އެކަކު ނިޔާވެފައިވެއެވެ.
އެޗްޑީސީން ވިދާޅުވީ، އަލަށް ތަރައްޤީކުރި މި ގުދަންތަކަކީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަންތަންކަމަށެވެ. މި ގުދަންތައް ތަރައްޤީކޮށްފައިވަނީ 90 މިނެޓުވަންދެން އަލިފާން ނުހިފާ ހުންނަ ފަދަ ޕާޓިޝަން އަދި ސްޓްރަކްޗަރ ނުވަތަ ފަޔަރ-ރޭޓެޑް ސްޓްރަކްޗަރ ބޭނުންކޮށްގެންނެވެ.
އަދި އަލިފާން ނިއްވާ ނިޒާމުތަކާއި، ސީސީޓީވީ ކެމެރާ ސިއްޓަމްތަކާއި، ސެކިއުރިޓީ ރޫމްގެ އިތުރުން ހޮނުއެޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް ޚާއްސަ ނިޒާމާއި، އެނޫންވެސް މުހިންމު ޚިދުމަތްތައް މިތަނުގައި ޤާއިމުވެފައި ހުންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މާލޭގައި ހުރި ކެމިކަލް ގުދަންތައް ހުސްކުރުމަށް ކުރަމުންދާ މަސައްކަތް 2019 ވަނަ އަހަރު ފެށިއިރު، އޭރު މާލޭގައި 120 އަށްވުރެ ގިނަ ކެމިކަލް ގުދަން ހުރިކަން ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ. މިގޮތުން އެތަންތަނުގެ ރައްކާތެރިކަން ހުރި ނެތްގޮތް ބެލުމަށް އެމްއެންޑީއެފުން އެކިފަހަރުމަތިން އިންސްޕެކްޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ. މިހާރު ތަރައްޤީކުރި މި ގުދަންތަކާއެކު މާލޭގައި ހުރި ކެމިކަލް ގުދަންތަކުގެ ތެރެއިން 54 ކެމިކަލް ގުދަން ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ. މީގެ ކުރިން ހިންގި ފުރަތަމަ ބުރުގައި 34 ގުދަން ދޫކޮށްފައިވެއެވެ.