ވިޔަފާރި / ޚަބަރު
އުމްރާގެ ނަމުގައި އޮޅުވާލި އަސްކޮއި ގްރޫޕުގެ ހުއްދަ ބާތިލުކޮށް ހަރުކަށި ފިޔަވަޅު އަޅައިފި

އަސްކޮއި އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ ބައެއް ފަރާތްތައް އެއަރޕޯޓްގައި ފޮޓޯ: އަސްކޮއި
ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އުމްރާއަށް ނުގެންދިޔަ މައްސަލައާ ގުޅިގެން އަސްކޮއި ގްރޫޕުގެ ހުއްދަ ބާތިލުކޮށް، އެ ކުންފުންޏަށް އިތުރު ހަރުކަށި އަދަބުތަކެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދީފި އެވެ. މިކަން ހާމަކޮށްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާއްމުކުރި ބަޔާނެއްގަ އެވެ.
ވުޒާރާއިން ނެރުނު ބަޔާނުގައިވާ ގޮތުން، އަސްކޮއި ޓްރެވެލް ސަރވިސްއިން އުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު، އެ ދަތުރުތައް ކެންސަލްކޮށްފައިވަނީ ގަލްފު ސަރަހައްދުގައި ހަމަނުޖެހުން އުފެދިފައިވާތީ ސައުދީއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެ އެވެ. ނަމަވެސް މިދުވަސްވަރު ސައުދީއަށް ދަތުރުނުކުރެވޭނެ އެއްވެސް ނުރައްކާތެރި ޙާލަތެއް ނެތްކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ. މި މައްސަލަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހުށަހަޅާފައިވަނީ އަސްކޮއި ގްރޫޕަށް ފައިސާ ދެއްކި ފަރާތްތަކުން އުމްރާއަށް ފުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އަންގާފައޮތް ފަހުންނެވެ.
އުސޫލާ ޚިލާފަށް އުމްރާއަށް މީހުން ގެންދަން މަސައްކަތްކޮށްފައިވާތީ އަސްކޮއި ގްރޫޕަށް އެޅި އެންމެ ބޮޑު ފިޔަވަޅަކީ އެ ގްރޫޕުގެ އުމްރާ ހުއްދަ ބާތިލުކުރުމެވެ. މީގެ އިތުރުން ހަރުކަށި އެހެނިހެން އަދަބުތަކުގެ ތެރޭގައި އެ ކުންފުނި ޖޫރިމަނާކުރުމާއި، ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމުގެ އިތުރުން، އުމްރާ ދަތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ދިނުމަށް އެންގުން ހިމެނެ އެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް ވެސް ވުޒާރާއިން ވަނީ ނިންމާފަ އެވެ.
އަސްކޮއި ޓްރެވެލް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ ވެރިންގެ ގޮތުގައި ތިބީ އަބްދުﷲ ރަޝީދު އާއި އަހުމަދު ސަނިލް އެވެ. މިފަހަރުގެ މައްސަލަ ފެންމަތިވެފައިވަނީ 28 މީހެއްގެ އަތުން 714،000 ރުފިޔާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ ހިސާބުންނެވެ. އަސްކޮއި ގްރޫޕާ ދެކޮޅަށް މީގެކުރިން ވެސް މައްސަލަތައް ހުށަހެޅިފައިވާކަން ފާހަގަކުރެވެ އެވެ.