ވިޔަފާރި / ޚަބަރު

ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނީ 2026 ޖަނަވަރީން ފެށިގެން ސިއްޙަތުގެ އިންޒާރު ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެން

ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނީ 2026 ޖަނަވަރީން ފެށިގެން ސިއްޙަތުގެ އިންޒާރު ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެން

ދުންފަތުގެ ބާވަތެއް ފޮޓޯ:ސީއެންއެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 ޖުލައި 2025، 06:13

31 ޖުލައި 2025، 06:13

ދިވެހިރާއްޖެއަށް ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެކުރެވޭނީ އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސިއްޙަތުގެ އިންޒާރު ސީދާ ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން މި ބަދަލު އަންނަނީ 2026 ޖަނަވަރީ 28 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާ ގޮތަށެވެ.



އެޗްޕީއޭއިން ވިދާޅުވި ގޮތުގައި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމަށް "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނޫ" އަދި އެ ޤާނޫނޫ ދަށުން އާންމުކޮށްފައިވާ "ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން އާންމުކޮށްފައިވާ ގަވައިދު"ގެ ފަސްވަނަބާބުގައި ވަކި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއަރމަންޓުސް ފޮރ ހެލްތު ވޯރނިންގ" ގެ ފުރަތަމަ އިސްލާހު 2025 ޖުލައި 29 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފައެވެ. މި އުސޫލަށް އިތުރު ކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސް އާއި ނިކޮޓީން ޕައުޗު ހިމެނެއެވެ.

ސަރުކާރުން ދުންފަތާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ގެންދަވަނީ އަޅުއްވަމުންނެވެ. އެގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މިހާރުވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ދުންފަތުގެ ބައެއް ބާވަތްތަކުގެ ޑިއުޓީ ބޮޑުކޮށްފައިވާއިރު، އިލެކްޓްރޯނިކް ވޭޕްއާއި އޭގެ އެކި އާލާތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިޔަފާރިކުރުމާއި ބޭނުންކުރުންވެސްވަނީ މަނާކޮށްފައެވެ. މިކަމާ ގުޅިގެން ވޭޕް ބޭނުންކުރާ ފަރާތްތަކާއި މެދު ފުލުހުން ގެންދަވަނީ ޤާނޫނުގައި ބަޔާންކުރާ ފަދައިން ފިޔަވަޅު އަޅަމުންނެވެ.

އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، 2026 ޖަނަވަރީ 28 ގެ ފަހުން އެ އުސޫލުގައިވާ ގޮތް ނޫން ގޮތްގޮތަށް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ކޮށްފައިވާނަމަ ޤާނޫނާއި ޤަވައިދުގެ މަތީން ޢަމަލު ކުރެވޭނެކަމަށެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާޙު ގެނެސް ޢަމަލުކުރަން ފަށާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. މި ޤާނޫނާއެކު ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ބޭނުންވާ މުހިއްމު ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ދުންފަތާއި ގުޅޭ ވިޔަފާރިކުރާ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން، ސިއްޙަތާ ބެހޭ ވުޒާރާއިން ދޫކުރާ ވަކި ސައްޙަ ލައިސެންސެއް އޮންނަންޖެހޭނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ފިޔަވަޅުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ދުންފަތުގެ ނުރައްކާތެރިކަމުން ދުރުކޮށް، ދުޅަހެޔޮ މާހައުލެއް ބިނާކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން