ދުނިޔެ

ޔޫރޯ ޒޯންގެ އިންފްލޭޝަން ޖުލައި މަހުން ފެށިގެން މަތީގައި

ޔޫރޯ ޒޯންގެ އިންފްލޭޝަން ޖުލައި މަހުން ފެށިގެން މަތީގައި

ޔޫރޯ ޒޯން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2025، 03:46

01 އޯގަސްޓު 2025، 03:46

ޔޫރޯ ޒޯންގެ އިންފްލޭޝަން ޖުލައި މަހުވެސް ބަދަލެއްނެތި 2 އިންސައްތައިގައި ހިފެހެއްޓިފައިވާކަމަށް، ސްޓެޓިސްޓިކްސް އެޖެންސީ ޔޫރޯސްޓެޓުން ހުކުރު ދުވަހު ނެރުނު ވަގުތީ ތަފާސްހިސާބުން ދައްކައިފިއެވެ. މި އަދަދުތަކަކީ ރޮއިޓަރސްއިން އިޤްތިޞާދީ މާހިރުންނާ ސުވާލުކޮށް، އުންމީދު ކުރި 1.9 އިންސައްތައަށް ވުރެ މަތީ އަދަދެކެވެ. ޖޫން މަހުވެސް އިންފްލޭޝަން ހުރީ 2 އިންސައްތައިގައެވެ.

ކާބޯތަކެތި، ހަކަތަ،  އަދި ދުންފަތުގެ ބާވަތްތަކުގެ އަގުތަކުގެ ބަދަލުތައް ނުހިމަނާ "ކޯރ އިންފްލޭޝަން" ޖުލައި މަހު ހުރީ 2.3 އިންސައްތައިގައެވެ. މިއީ ކުރީގެ ދެ މަހުވެސް ހުރި އަދަދެވެ. ހަމައެއާއެކު، ސާވިސްގެ ދާއިރާގެ އަގުތައް ޖުލައި މަހު ހުރީ 3.1 އިންސައްތައިގައެވެ. ޖޫން މަހު މި އަދަދު ހުރީ 3.3 އިންސައްތައިގައެވެ.

މި ތަފާސްހިސާބު ނެރުމާއެކު ޖަރުމަންގެ 10 އަހަރު ދުވަހުގެ ބޮންޑްގެ ޔީލްޑް އެއް ބޭސިސް ޕޮއިންޓަށް ވުރެ މައްޗަށް ދިޔައިރު، ފަރަންސޭސިވިލާތުގެ 10 އަހަރު ދުވަހުގެ ބޮންޑްގެ ޔީލްޑް އެއް ބޭސިސް ޕޮއިންޓަށް ވުރެ ކުޑަ އަދަދެއް މައްޗަށް ދިޔައެވެ.

ކެޕިޓަލް އިކޮނޮމިކްސްގެ ޑެޕިއުޓީ ޗީފް ޔޫރޯ ޒޯން އިކޮނޮމިސްޓް ޖެކް އެލަން-ރެއިނޯލްޑްސް ވިދާޅުވީ، އިންފްލޭޝަންގެ މި އަދަދުތަކުން ދައްކަނީ ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީ.ސީ.ބީ) އިން އޭގެ އިންޓަރެސްޓް ރޭޓް ދަށްކުރުމުގެ ސައިކަލް އަވަހަށް ފަށާނެކަމަށް ނުބެލެވޭ ކަމަށެވެ. އީ.ސީ.ބީއިން މި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޖުލައި މަހު ބޭއްވުނު ބައްދަލުވުމުގައި ރޭޓްތައް ބަދަލުނުކޮށް ހިފެހެއްޓިއެވެ. އެލް.އެސް.އީ.ޖީގެ ތަފާސްހިސާބަށް ބަލާއިރު، ސެޕްޓެމްބަރު މަހު ބޭއްވޭ ބައްދަލުވުމުގައިވެސް ސެންޓްރަލް ބޭންކުން ރޭޓްތައް ބަދަލުނުކުރާނެކަމަށް މާކެޓުން 94 އިންސައްތައަށް ވުރެ ބޮޑަށް އުންމީދު ކުރެއެވެ.

އެލަން-ރެއިނޯލްޑްސް އިތުރަށް ވިދާޅުވީ، ހަކަތަ އަގުތަކަށް ބަލާފައި، ޔޫރޯ ޒޯންގެ އިންފްލޭޝަން މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު އީ.ސީ.ބީގެ 2 އިންސައްތައިގެ އަމާޒަށް ވުރެ ދަށްވެދާނެކަމަށެވެ. ނަމަވެސް، މި ދަށްވުން ކުޑަވާނެކަމަށާއި، ކޯރ އިންފްލޭޝަން 2 އިންސައްތައާ ގާތްގާތުގައި ހިފެހެއްޓޭނެކަމަށް އޭނާ ލަފާކުރެއެވެ. 

އީ.ސީ.ބީގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މިހާރުގެ ފައިސާގެ ސިޔާސަތާމެދު ހިތްހަމަޖެހޭތީ، ހަކަތަ އަގުތައް ދަށްވުމުގެ ސަބަބުން އިންފްލޭޝަން 2 އިންސައްތައަށް ވުރެ ކުޑަކޮށް ދަށްވިޔަސް، އިންޓަރެސްޓް ރޭޓް އަނެއްކާވެސް ދަށްކުރާނެކަމަށް ނުބެލެވޭކަމަށް އޭނާ ހާމަކުރެއްވިއެވެ.

މި އިންފްލޭޝަންގެ އަދަދުތައް ނެރިފައިމިއީ މި ހަފްތާގެ ކުރީކޮޅު ޔޫރޯ ޒޯންގެ އިޤްތިޞާދު ދެވަނަ ކުއާޓަރުގައި 0.1 އިންސައްތައަށް ކުރިއަރާފައިވާކަން ދެއްކި ފަހުންނެވެ. މިއީ އުންމީދު ކުރިވަރަށް ވުރެ ރަނގަޅު ކުރިއެރުމެކެވެ. ނަމަވެސް މާޗް މަހުގެ ނިޔަލަށް ތިން މަހުގެ ތެރޭގައި ހާސިލްކުރި 0.6 އިންސައްތައިގެ ކުރިއެރުމަށް ވުރެ ވަރަށް ބޮޑަށް ދަށް އަދަދެކެވެ. 

މާހިރުން މި ތަފާސްހިސާބު ތަފްސީލުކުރީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފް ސިޔާސަތުތަކާ ކުރިމަތިލާން ޖެހުނު އިރުވެސް ޔޫރަޕުގެ އިޤްތިޞާދު ރަނގަޅުކަން ދައްކާފައިވާ ކަމަށެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ވޮޝިންޓަންއާ ދެމެދު ވަނީ ދާދި ފަހުން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމެރިކާއަށް އެތެރެކުރެވޭ އީޔޫގެ ތަކެއްޗަށް 15 އިންސައްތައިގެ ބޭސްލައިން ޓެކްސްއެއް ހިމެނެއެވެ. ސެކްޓޯރަލް ޓެރިފްތަކާއި ވަގުތީގޮތުން ކުޑަކުރެވިފައިވާ "ރިސިޕްރޯކަލް ޑިއުޓީޒް" ދަނީ ކުރިންފެށިގެން ހިނގަމުންނެވެ.

ޑިއުޓީތަކުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް އަސަރުކޮށް، ޔޫރޯ ޒޯން ހިމެނޭ ގޮތަށް އެމެރިކާގެ ކަސްޓަމަރުންނަށް ތަކެތީގެ އަގުތަކަށް އަސަރުކުރާނެކަމަށް ފުޅާދާއިރާއެއްގައި ބެލެވެއެވެ. ޔޫރަޕުގެ އިންފްލޭޝަނަށް އެ ޑިއުޓީތަކުގެ އަސަރު ކުރާނެ މިންވަރު އަދިވެސް ވަނީ ނޭނގިފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން