ދުނިޔެ / ޚަބަރު

އުމްރާ ސީޒަން ފެށުމާއެކު 1.2 މިލިއަނަށްވުރެ ގިނަ މީހުން ސަޢުދީ ޢަރަބިއްޔާއަށް ޒިޔާރަތްކޮށްފި

އުމްރާ ސީޒަން ފެށުމާއެކު 1.2 މިލިއަނަށްވުރެ ގިނަ މީހުން ސަޢުދީ ޢަރަބިއްޔާއަށް ޒިޔާރަތްކޮށްފި

މައްކާގައި އުމްރާގެ އަޅުކަން އަދާކުރާ މީހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2025، 04:02

01 އޯގަސްޓު 2025، 04:02

އުމްރާ ސީޒަން ފެށުނު ފަހުން 1.2 މިލިއަނަށް ވުރެ ގިނަ އުމްރާވެރިން ސަޢުދީ ޢަރަބިއްޔާއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެގައުމުގެ ޙައްޖާއި އުމްރާގެ ވުޒާރާއިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ. މި ސީޒަން ރަސްމީކޮށް ފެށުނީ ދުލްޙިއްޖާ މަހުގެ 14 ގައެވެ.

 އުމްރާވެރިން ސަޢުދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރަން ފަށާފައިވަނީ ދުލްޙިއްޖާ މަހުގެ 15 (ޖޫން 21) އިން ފެށިގެންނެވެ.
ޙައްޖާއި އުމްރާގެ ވުޒާރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އުމްރާ ވިސާގައި އައިސްފައިވާ އަދަދު 30 އިންސައްތަ އިތުރުވެފައިވެއެވެ. 109 ގައުމުން އުމްރާވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ޒިޔާރަތްކޮށްފައެވެ. އަދި އުމްރާ ވިސާ ދޫކުރެވުނު އަދަދުވެސް މިދިޔަ އަހަރާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެފައިވާކަން ވުޒާރާއިން ފާހަގަކުރިއެވެ.

ބަޔާނެއްގައި، ވުޒާރާއިން މި ކުރިއެރުން ހާސިލުކުރެވުނީ އޮޕަރޭޝަނަލް ކަންކަން ހަރުދަނާކޮށް، ޚިދުމަތްތައް ހުރިހާ ގޮތަކުންވެސް އިތުރަށް ފުރިހަމަކުރުމުގެ ސަބަބުން ކަމަށް ބުންޏެވެ. މިދިޔަ ޙައްޖު މޫސުން ކާމިޔާބު ކަމާއެކު ނިމިފައިވުމުން ލިބުނު ހިތްވަރާއެކު މިކަންތައްތައް އިތުރަށް ހަރުދަނާކުރެވުނުކަމަށް ވުޒާރާއިން ބުނެއެވެ. އުމްރާވެރިންގެ އަދަދު އިތުރުވަމުންދާތީ އެކަމަށް އެހީތެރިވުމަށް 4,200 އަށް ވުރެ ގިނަ ކޮންޓްރެކްޓުތައް ސަޢުދީ ޢަރަބިއްޔާގެ އުމްރާ ކުންފުނިތަކާއި ބޭރު ގައުމުތަކުގެ އެޖެންޓުންނާ ދެމެދު ވަނީ ސޮއިކުރެވިފައެވެ.

އުމްރާ ސީޒަން ރަސްމީކޮށް ފެށުނު ފަހުން ވިސާގެ ޚިދުމަތްތައް ވަނީ "ނުސުކް"  ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކޮށްފައެވެ. ނުސުކް އަކީ ޙައްޖު އަދި އުމްރާގެ ޚިދުމަތްތަކަށް ޚާއްސަކޮށް ސަޢުދީ ޢަރަބިއްޔާއިން ތަރައްޤީކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. ދުލްޙިއްޖާ މަހުގެ 15 އިން ފެށިގެން، އުމްރާވެރިންނަށް އެޕޮއިންޓްމެންޓް ބުކްކުރުމާއި ތަފާތު އެކިބަހުން ޚިދުމަތްތައް ހޯދުމުގެ ފުރުސަތު މި ޕްލެޓްފޯމް މެދުވެރިކޮށް ލިބިފައިވެއެވެ.

ވުޒާރާއިން ބުނި ގޮތުގައި، ގުޅުންހުރި ފަރާތްތަކާ އެކު ކުރިން މަޝްވަރާކޮށް މަސައްކަތް ކުރުމުގެ ސަބަބުން މި ސީޒަން ވަރަށް ފަސޭހަކަމާއެކު ފަށައިގަނެވުނެވެ. މީގެ އިތުރުން ޑިޖިޓަލް ކޮންޓެންޓާއި، މެހެމާންދާރީގެ ޚިދުމަތްތަކާއި، ސަލާމަތީ މިންގަނޑުތައް ރަނގަޅުކުރުމުގެ ސަބަބުންވެސް ސީޒަން ކާމިޔާބުވުމަށް ވަނީ ބޮޑު އެހީތެރިކަމެއް ލިބިފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން