ދުނިޔެ
އޮސްޓްރޭލިއާއިން އާދަޔާހިލާފަށް ބޮޑު " ސްޓިކް އިންސެކްޓް" އެއް ފެނެއްޖި

ސްޓިކް އިންސެކްޓް
އޮސްޓްރޭލިއާގެ ޖަންގަލީގެ ފުން ހިސާބަކުން، ހަރުފައާއި، މިނިކާވަގާއި، އެހެނިހެން ޖަނަވާރުން ދިރިއުޅޭ ތަނަކުން، އެ ޤައުމުން މިހާތަނަށް ފެނުނު އެންމެ ބަރު "ސްޓިކް އިންސެކްޓް" ކަމަށް ބެލެވޭ އާ ބާވަތެއް ސައިންސްވެރިން ހޯދައިފިއެވެ.
މި އާ ބާވަތުގެ "ސްޓިކް އިންސެކްޓް" ގެ ބަރުދަނަކީ 44 ގްރާމް (1.55 އައުންސް) އެވެ. މިއީ ގޮލްފު ބޯޅައެއްގެ ބަރުދަނާ އެއްވަރުގެ ބަރުދަނެކެވެ. އަދި އޭގެ ދިގުމިނަކީ 40 ސެންޓިމީޓަރު (15.75 އިންޗި) އެވެ.
"އެކްރޯފިލާ އަލްޓާ" ގެ ނަމުން ނަންދެވިފައިވާ މި ބާވަތް ދެނެގަތުމަށް އެހީތެރިވެދެއްވި ޖޭމްސް ކުކް ޔުނިވަރސިޓީގެ އަންގަސް އެމޮޓް ވިދާޅުވީ، މި ސޫފީގެ ސައިޒު ބޮޑުވެފައިވަނީ އެސޮރުގެ ފިނި، ތެތް މާހައުލާ ގުޅިގެން އުފެދުމުގައި އައިސްފައިވާ ބަދަލެއް ކަމަށެވެ.
މީޑިއާ ރިލީޒެއްގައި އޭނާ ވިދާޅުވެފައިވަނީ، "އެތަކެތީގެ ހަށިގަނޑުގެ ބަރުދަނުން ފިނި ހާލަތްތަކުގައި ދިރިހުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން އެތައްމިލިއަން އަހަރެއް ދިޔައިރު އާދަޔާ ހިލާފް ބޮޑޫ ސައިޒެއްގެ ސޫތްޕަކަށް ބަދަލުވެފައިވަނީ އެހެންވެއެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އޮސްޓްރޭލިއާއިން ފެނުނު އެންމެ ބަރު ސޫތްޕެވެ.މި އާ "ސްޓިކް އިންސެކްޓް" ފެނިފައިވަނީ އޮސްޓްރޭލިއާގެ އިރުއުތުރުގައިވާ ގްވީންސްލޭންޑްގެ "ވެޓް ޓްރޮޕިކްސް" ސަރަހައްދުގެ ފަރުބަދަމަތީ ޖަންގަލީގެ ގަސްގަހުގެ އެންމެ މަތީ ގަސްތަކުގެ ކެނަޕީތަކުންނެވެ.
އެމޮޓް ވިދާޅުވީ، މި ސަރަހައްދު ފުންކަމުން، އެތައް ދުވަސްތަކެއް ވަންދެން މި ބާވަތް ނުފެނި އޮތީ މި ސަބަބާ ހެދި ކަމަށެވެ.
"މިއީ ހަމައެކަނި ފަރުބަދަތަކުގެ މަތީގައިވާ ޖަންގަލީގެ ކުޑަ ސަރަހައްދަކަށް ހިފެހެއްޓިފައިވާ ބާވަތެކެވެ. އަދި މިތަކެތި ދިރިއުޅެނީ ގަސްތަކުގެ މަތީ ކެނަޕީތަކުގައެވެ.
މި "ސްޓިކް އިންސެކްޓް"ގެ ޚާއްސަ ބިސްތަކަކީވެސް ސައިންސްވެރިންނަށް މިއީ އާ ބާވަތެއްކަން ދެނެގަތުމަށް އެހީތެރިވި ކަމެކެވެ.
"ސްޓިކް އިންސެކްޓް ނުވަތަ ކޮންމެ ބާވަތަކަށްވެސް އޭގެ ޚާއްސަ ބިސް ހުންނާނެ" އެމޮޓް ވިދާޅުވިއެވެ."އެ ހުރިހާ ބިހެއްގެވެސް މަތީ ފަށަލައާއި، ޓެކްސްޗަރއާއި، ހުންނަގޮތް ތަފާތުވެފައި، އެތަކެތި ހުންނާނީ ތަފާތު ބައްޓަމަށެވެ. ބިހުގެ މަތީގައި ހުންނަ ކެޕްވެސް ވަރަށް ތަފާތެވެ."
މި ސްޓިކް އިންސެކްޓްގެ ދެ ނަމޫނާ (ސްޕެސިމެން) ކުއީންސްލޭންޑް މިއުޒިއަމްގެ ކަލެކްޝަނަށް ވަނީ އިތުރުކުރެވިފައެވެ. މި ނަމޫނާތަކަކީ ކުރިއަށް އޮތް ދިރާސާތަކަށް އެހީތެރިވެދޭނެ އެއްޗެކެވެ.