Ads by Stelco

ޚަބަރު

ދައުލަތުގެ ޚަރަދު ކުޑަވެ، ބަޖެޓު އެއް ބިލިއަން ރުފިޔާއިން އަރަނިވެއްޖެ

ދައުލަތުގެ ޚަރަދު ކުޑަވެ، ބަޖެޓު އެއް ބިލިއަން ރުފިޔާއިން އަރަނިވެއްޖެ

ފިނޭންސް މިނިސްޓްރީ ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2025، 06:29

01 އޯގަސްޓު 2025، 06:29

މާލީ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ޖުލައި 17 ވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %17.9 ދަށްވެފައިވާކަމަށް އެނގެއެވެ. މިއީ ދައުލަތުގެ ޚަރަދުތައް ހެޔޮ ބަދަލެއް ގެނެވިފައިވާކަން ދައްކުވައިދޭ ކަމެކެވެ. ޚަރަދަށްވުރެ އާމްދަނީ އިތުރުވެ، މިހާރު ޖުމްލަ ބަޖެޓު އެއް ބިލިޔަން ރުފިޔާއިން އަރަނިވެފައިވާކަމަށް ވެސް މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ޖުލައި 17 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 23.7 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %17.9 ދަށްވުމެކެވެ.

ހޭދަކޮށްފައިވާ އަދަދުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 17.2 ބިލިޔަން ރުފިޔާއެވެ. ރިކަރަންޓް ހަރަދުތައްވެސް ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %3.5 ދަށްކުރެވިފައެވެ. މި ހަރަދުތަކުގެ ތެރެއިން 7.1 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ މުސާރަދިނުމާއި ޕެންޝަނަށެވެ. އަދި 9.9 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށެވެ.

ޚަރަދުތަކުގެ ތެރެއިން ކެޕިޓަލް ޚަރަދުތައް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ވަނީ %61.4 ދަށްކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަކޮށްފައިވަނީ 2.3 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 5.9 ބިލިޔަނުގައިކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ރިޕޯޓުން ދައްކާގޮތުން، ޖުލައި 17 ގެ ނިޔަލަށް ދައުލަތައް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދުވަނީ %7.9 އިތުރުވެފައެވެ. މިއަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 20.5 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 19 ބިލިޔަން ރުފިޔާއެވެ. މި އަދަދުތަކުން ދައުލަތުގެ މާލިއްޔަތު ވަރުގަދަވަމުންދާކަން ހާމަވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން