ޚަބަރު
މާލޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
މާލެ ސަރަޙައްދުގައި ހިންގި އޮޕަރޭޝަނެއްގައި 25 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ބިދޭސީން އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ނިމިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި މާލޭގެ ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކޮމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި ތަންތަނުގައި ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 25 ބިދޭސީއަކު ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި އެ ބިދޭސީން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި، އެމީހުންނާއި މެދު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ފަށައިފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ދަށުން މިހާރު ވަނީ ގިނަ ޢަދަދެއްގެ ބިސޭސީންނެއް އަތުލައިގަނެފައެވެ.