Ads by Stelco

ޚަބަރު

ހުޅުމާލެ ހޮސްޕިޓަލަށް 10 ފަންގިފިލާގެ އައު އިމާރާތެއް، މާލޭގެ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ފަށަނީ

ހުޅުމާލެ ހޮސްޕިޓަލަށް 10 ފަންގިފިލާގެ އައު އިމާރާތެއް، މާލޭގެ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ފަށަނީ

ހުޅުމާލެ ހޮސްޕިޓަލް ފޮޓޯ: ސަން އޮންލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޯގަސްޓު 2025، 03:13

03 އޯގަސްޓު 2025، 03:13

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ފުޅާކޮށް، ތަރައްޤީކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށް އެ ގްރޫޕްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. އެގޮތުން، ހުޅުމާލެ ހޮސްޕިޓަލަށް 10 ފަންގިފިލާގެ އައު އިމާރާތެއް އިތުރުކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ސީއީއޯ ހާމަކުރެއްވިއެވެ.

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ 4 ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ. މި ހޮސްޕިޓަލްތަކަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ޞިއްޙީ ޚިދުމަތް ހޯދަމުންދާ މުހިންމު މަރުކަޒުތަކެކެވެ.

ސީއީއޯ ވިދާޅުވިގޮތުގައި، ހުޅުމާލެ ހޮސްޕިޓަލުގައި ހުސްކޮށް އޮތް ބިމުގައި އަޅާނެ އައު އިމާރާތަކީ 10 ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި 250 އެނދާއި ޕްރައިވެޓް ރޫމުތަކެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް މިހާރު އޮތީ ޕްލޭނިންގް ސްޓޭޖްގައެވެ. މަސައްކަތަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށްޓަކައި މާލީ ވުޒާރާއާއި ޞިއްޙީ ވުޒާރާ އަދި އިމާރާތްކުރުމާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގައި 28 އެނދުގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށާއި، މި މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އެނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ބަރޯސާވާ ހޮސްޕިޓަލު ކަމަށްވާ އައިޖީއެމްއެޗްގެ ތަރައްޤީއަށްވެސް މުހިންމު މަސައްކަތްތަކެއް ކުރިއަށްދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. މިހާރުވެސް އެ ހޮސްޕިޓަލްގެ އެނދުގެ ޢަދަދު އިތުރުކޮށްފައިވާއިރު، ކުރިން ހުރި ވޯޑްތައް އަޕްގްރޭޑްކޮށް، އެސީކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

އައިޖީއެމްއެޗްގައި އައު ޚިދުމަތްތައް ފެށުމަށްވެސް ނިންމާފައިވާކަން ހާމަކުރައްވަމުން ސީއީއޯ ވިދާޅުވީ، ޚިދުމަތްތައް އިތުރުކުރުމަށްޓަކައި ކާޑިއޯއޮތިރިކްސް ސާރޖަރީގެ ޚިދުމަތް ފެށުމަށްވެސް މަސައްކަތްކުރައްވަމުން ދާކަމަށާއި އިންޓަވެންޝަނަލް ރޭޑިއޯގެ ޚިދުމަތް ފައްޓަވާނެކަމަށެވެ.


ވިލިމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމަށްވެސް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ސީއީއޯ ހިއްސާކުރެއްވިއެވެ. ވިލިމާލޭގައި ތަރައްޤީ ކުރާ 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމަށްޓަކައި މިހާރު ޚިދުމަތް ދެމުންދާ ހޮސްޕިޓަލްގެ ޚިދުމަތްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އޭގެ ފަހުން އައު ހޮސްޕިޓަލް އަޅާ ބިން ސާފުކުރުމަށްފަހު އިމާރާތުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވިލިމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމަށް މިހާރު ހުރި ހޮސްޕިޓަލް ތަޅާލައި، އެތަނުގެ ޢަމަލީ މަސައްކަތް މި އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލޭ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މައުލޫމާތު ދެއްވިއެވެ.

މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު، ޒަމާނީ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމާއި، ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ އިތުރުކޮށް، ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން