ޚަބަރު
"އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑްރާމާއަށް 11 އެވޯޑް !

"އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ނަތީޖާ ފާހަގަ ކުރުމަށް އޮލިމްޕަހުގައި ބޭއްވި ހަފްލާގެ ތެރެއިން ފޮޓޯ:ވުޒާރާ
ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއިން އިންތިޒާމުކޮށްގެން ބޭއްވި "އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގައި މިނިސްޓްރީއެއްގެ ފަރާތުން ބައިވެރިކުރި ޑްރާމާ "ޢާއިލާ" އަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ޚާއްސަ ހަފުލާގައި، "ޢާއިލާ" ޑްރާމާއަށް ވަނީ ޖުމުލަ 11 އެވޯޑު ލިބިފައެވެ.
މި ކާމިޔާބީގެ ތެރޭގައި، "އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގެ އެންމެ މޮޅު ޑްރާމާގެ އެވޯޑުވެސް ލިބިފައިވަނީ އެ ވުޒާރާގެ ފަރާތުން ބައިވެރިކުރި ޑްރާމާ "ޢާއިލާ" އަށެވެ. މީގެ އިތުރުން، އެންމެ މޮޅު ފިރިހެން އަދި އަންހެން އެކްޓަރ، އެންމެ މޮޅު ޑައިރެކްޓަރ، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު އަންހެން ނިއުކަމަރ އަދި އެންމެ މޮޅު ލަވަ ހާސިލްކޮށްފައިވަނީވެސް މި ޑްރާމާއިންނެވެ. ބެލުންތެރިންގެ އެންމެ ގިނަ ވޯޓާއިއެކު އެންމެ މަޤްބޫލް ޑްރާމާ، އެންމެ މަޤްބޫލް ފިރިހެން އަދި އަންހެން އެކްޓަރުގެ އެވޯޑުވެސް "ޢާއިލާ" ހާސިލުކޮށްފައިވެއެވެ. އަދި އާދަޔާހިލާފު މޮޅު ހުށަހެޅުމަށް ދޭ ޖަޖުންގެ ޚާއްސަ އެވޯޑު ވެސް ލިބިފައިވަނީ މި ޑްރާމާއަށެވެ.
މަޝްހޫރު ފިލްމު ކުޅުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރ މުޙައްމަދު ފައިސަލް ޑައިރެކްޓް ކޮށްދެއްވި މި ޑްރާމާގެ މައިގަނޑު މަޤްސަދަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް މި ވުޒާރާއިން ކުރިއަށް ގެންދާ 'ކޮންމެ ކުއްޖަކަށް ޢާއިލާއެއް' ޕްރޮގްރާމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، އެކުދިންނާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމާއި، އެކުދިންނަކީ މުޖުތަމަޢު ބަލައިގަންނަ ގަދަރުވެރި ކުދިންނަށް ހެދުމުގައި މުޖުތަމަޢުގެ އެއްބާރުލުން ހޯދުމަށް މި ޑްރާމާ މެދުވެރިކޮށް ތަފާތު މެސެޖުތައް ވަނީ ރައްދުކޮށްދީފައެވެ.
ބެލުންތެރިންގެ މެދުގައިވެސް ވަރަށް މަޤުބޫލުވެގެން ގޮސްފައިވާ "ޢާއިލާ" ޑްރާމާއިން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކޮންމެ ކުއްޖަކަށްވެސް ލޯބިވާ އަދި އެހީތެރިވެދޭ ޢާއިލީ މާޙައުލެއް ފޯރުކޮށްދިނުމުގެ މުހިންމުކަން ހާމަކޮށްދީފައެވެ. މި ޑްރާމާގެ ވާހަކައިން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި އަދި ޢާއިލީ މާހުލެއްގައި ލޯތްބާ ކުލުނު ލިބިގެން އެކުދިން ހޯދާ ކާމިޔާބީތައް ރީތިކޮށް ދައްކުވައިދެއެވެ. އަދި ހަމަޖެހޭ، އޯގާތެރި ގެދޮރުގެ މުހިންމުކަމާއި، އެފަދަ މާޙައުލަކުން ކުއްޖެއްގެ ދިރިއުޅުމަށް ގެނެސްދޭ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައެވެ. މި ވުޒާރާގެ މުވައްޒަފުންގެ ހުނަރުވެރި ހުށަހެޅުންތަކާއެކު، "ޢާއިލާ" އިން ދައްކުވައިދެނީ ކޮންމެ ކުއްޖަކަށްވެސް ކުރިއެރުމުގެ ފުރުޞަތު ލިބިދިނުމަށްޓަކައި ހުސްނުވާ ހިތްވަރަކާއެކު މަސައްކަތްކުރާ މުޖުތަމަޢެއްގެ މުހިންމުކަމެވެ.
މިއީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި އެ ވުޒާރާއިން ހުށަހަޅައިދީފައިވާ ފުރަތަމަ ޑްރާމާއެވެ. މި ޑްރާމާގެ ޒަރިއްޔާއިން ކޮންމެ ކުއްޖަކަށް ޢާއިލީ ވެއްޓެއްގެ ލޯތްބާއި ހިމާޔަތާއި ރައްކާތެރިކަން ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމުކަން އާންމުންނަށް ވަޒަންކުރެވި، މި މަސައްކަތުގައި މިހާރަށް ވުރެ ބޮޑަށް މުޖުތަމަޢުގެ އެއްބާރުލުން ލިބުމަށް މަގުފަހިވެގެން ދިއުމަކީ ވުޒާރާއިން ކުރާ ވަރަށް ބޮޑު އުންމީދެއްކަމުގައި ވުޒާރާއިން ހާމަކުރިއެވެ.
އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި މި ވުޒާރާއަށް މި ލިބުނު ބޮޑު ކާމިޔާބީ ހާސިލްކުރުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކާއި އާންމުންގެ ތަރުހީބަށް ވުޒާރާއިން ވަރަށް ޚާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ.