ޚަބަރު
އއ. ފެރިދޫގެ ޤުރުއާން ކުލާހަކަށް ބޭނުންވާ ބައެއް ތަކެތި ވަޤުފު ފަންޑުން ފޯރުކޮށްދީފި

އއ. ފެރިދޫގެ ޤުރުއާން ކުލާހަކަށް ބޭނުންވާ ބައެއް ތަކެތި ވަޤުފު ފަންޑުން ފޯރުކޮށްދިނުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އއ. ފެރިދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ހިންގާ ޤުރުއާން ކުލާހަށް ބޭނުންވާ ބައެއް ތަކެތި ދީނީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑުން ފޯރުކޮށްދީފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އއ. ފެރިދޫގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޤުރުއާން ކުލާހުގައި ކިޔަވައިދޭން ފެށުމަށް ހަަމަޖެހިފައިވަނީ ވަޤުފް ފަންޑުން ފޯރުކޮށްދެވުނު ތަކެތި ހަރުކުރުމަށްފަހުގައި ކަމަށެވެ. ހަމަ އެހެންމެ، އެ ތަކެތި ހަރުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތް މިހާރު ފެރިދޫ ކައުންސިލުން ކުރަމުން އަންނަކަމަށް އެ ވުޒާރައިން މަޢުލޫމާތުދެއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ދީނީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑުން ޤުރުއާން ކުލާހަށް ތަކެތި ފޯރުކޮށްދީފައިވަނީ ޤުރުއާނުގެ ޢިލްމު ކުރިއަރުވައި، ޤުރުއާން ކިޔެވުމަށް ކުދިންނަށް ފަހި މާހައުލެއް ފޯރުކޮށްދީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޤުރުއާނުގެ ޢިލްމު އުނގަންނައިދީ އަދި އުނގެނުމަށް ބާރު އެޅުމުގެ މަޤުސަދުގައި ކަމަށެވެ. ހަމަ އެހެންމެ، ކުދިންނަށް ޒަމާނީ މާޙައުލެއްގައި ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ ވަޤުފު ފަންޑުގެ މަޤުސަދެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ ދީނީ ހަރަކާތްތަކަށް ވަޤުފް ފަންޑު މެދުވެރިކޮށް އެހީތެރިވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން ގެންދަވާ މަސައްކަތެކެވެ.