ޚަބަރު
އާސަންދަ ޚަރަދަށް މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި!

އާސަންދަ އޮފީސް ފޮޓޯ: ފައިނެންޝަލް ރިވިއު
މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، 2024 ވަނަ އަހަރުގެ މިހާތަނަށް އާސަންދަ ސްކީމަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެނގިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.9 އިންސައްތައިގެ އިތުރުވުމެކެވެ.
މާލީ ވުޒާރާއިން ކޮންމެ ހަފްތާއަކު އާންމުކުރައްވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި، މިއަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި 17 ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް 1.1 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައިގެ ސްކީމްތަކަށް ހޭދަކޮށްފައިވަނީ 1.0 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު 9.9 އިންސައްތަ އިތުރުވުން ފާހަގަކުރެވެއެވެ.
މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ޖުމްލަ 1.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާރު ބާކީ އޮތީ ގާތްގަނޑަކަށް އެންމެ 7 މިލިޔަން ރުފިޔާއެވެ.
އާސަންދައިގެ ޚަރަދުތައް ބޮޑުވަމުންދިޔުމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ ޢަދަދު މަދުކުރުމަށް ސަރުކާރުންދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހަމައެއާއެކު އާސަންދައިގެ ދަށުން ކުރަމުންދާ އިސްރާފު ކުޑަކުރުމަށްޓަކައި، ނިމިދިޔަ އޮކްޓޯބަރު މަހު ސަރުކާރުންވަނީ އާސަންދަ ސްކީމަށް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ބޭސްފަރުވާއަށް ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުމަށް ނިންމާ، އާސަންދައިގެ ދަށުން އެނޫން ފަރާތްތަކަށް ބޭސްފަރުވާ ކުރެވޭގޮތަށްވަނީ ބަދަލުގެނެސްފައެވެ.
ދައުލަތުން އަހަރަކު 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ އާސަންދައިން ބޭސްފަރުވާއަށް ހޭދަކުރަމުންދާއިރު، މީގެ ބޮޑުބައެއް ބޭސް ގަތުމަށް ހޭދަވާކަން ފާހަގަކުރެވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރެވޭނެ އިންތިޒާމުވެސް ސަރުކާރުން މިހާރުވަނީ ހަމަޖައްސަވާފައެވެ. މިއާއެކު ދުރު މުސްތަޤުބަލުގައި އާސަންދައިން ބޭސްފަރުވާއަށް ކުރަމުންދާ ހޭދަ ކުޑަކޮށް، އެ ފައިސާއަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ގައުމީ ސިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ހޭދަކުރެވޭ ފައިސާއަށް ހެދުމަކީ، ސަރުކާރުން ސިއްޙީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ މުހިއްމު އަމާޒެކެވެ.