ޚަބަރު
އަހަރު ދެބައިވިއިރު ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން 362 މިލިއަން ޑޮލަރު މާރުކޮށްފި

އެމްއެމްއޭ---
އަހަރު ދެބައިވިއިރު، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ބޭންކުތަކަށް 362 މިލިއަން ޑޮލަރު މާރުކޮށްފައިވާކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޢަމަލުކުރަން ފެށި ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން، ކޮންމެ މަހަކު ވެސް ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ވަކި އަދަދަކަށް ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހެއެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް ބޭންކުތަކަށް 362 މިލިއަން ޑޮލަރު ވަނީ މާރުކޮށްފައެވެ.
މި އަހަރު ޢަމަލުކުރަން ފެށި ޤާނޫނުގެ ދަށުން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހެއެވެ. އަދި ރިސޯޓުތައް ފިޔަވައި، ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ ޢާމްދަނީގެ %20 މާރުކުރަންޖެހެއެވެ.
މި އަހަރާއި އަންނަ އަހަރަކީ ރާއްޖެއިން އެންމެ ބޮޑު އަދަދަކުން ދަރަނި ދައްކަން ޖެހޭ އަހަރުތައް ކަމަށްވުމާއި، ރާއްޖޭގެ ބޭންކުތަކުގައި ދައުރުވާ ޑޮލަރުގެ އަދަދު އިތުރުކޮށް، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ތިރިކުރަމަށްޓަކައި ސަރުކާރުން އެޅި މި ފިޔަވަޅާއެކު، މި އަހަރު ދަރަނި ދައްކާފައިވާ މިންވަރު ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 88 މިލިޔަން ޑޮލަރު ދަރަނީގެ ގޮތުގައި ވަނީ އަނބުރާ ދައްކާފައެވެ. އަދި މި އަހަރުގެ މިހާތަނަށް ލޯނުތަކަށް 174 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއާއެކު ލޯނު ދެއްކޭ މިންވަރު ވަނީ 97 އިންސައްތައަށް އިތުރުވެފައެވެ. މީގެ އިތުރުން ބޮންޑު ދެއްކުމަށް ވެސް 27.5 މިލިޔަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި ބޭރުފައިސާގެ އައު ޤާނޫނު އައުމުގެ ކުރިން ރާއްޖެއަށް ވަންނަ ބޭރުފައިސާގެ އާމްދަނީގެ ތެރެއިން މި ވޭތުވެ ދިޔަ 4 އަހަރުވެސް ބޭންކުތަކަށް މާރުކޮށްފައިވަނީ އެންމެ 10 އިންސައްތައެވެ. ނަމަވެސް ބޭރުފައިސާގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، މި އަދަދު ދެ ގުނަވެ 20 އިންސައްތައަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
މީގެ ތެރެއިން ބޭންކުންތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 50 އިންސައްތަ ބޭނުން ކުރަނީ، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ. ބޭންކުތަކުން އިތުރަށް މާރުކުރާ 40 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ފައިސާ ބޭންކުތަކުން ބޭނުން ކުރަނީ ވިޔަފާރިތަކަށް ދޫކުރުމަށާއި، ބޭރުފައިސާ ބޭނުންވާ އެހެން އިލްތިޒާމުތައް ހަމަޖެއްސުމަށެވެ.