ޚަބަރު
ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުން---
ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި، ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއެކު މި މަޝްވަރާ ބައްދަލުވުން ކުރިޔަށްގެންގޮސްފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިންނެވެ.
މި ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމެވެ. ސްޓޭޓް މިނިސްޓަރުގެ އަރިހުގައި އެ ވުޒާރާގެ ލޯކަލް ގަވާންމަންޓު ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އުއްމީދީ މަޝްވަރާތަކެއް ކުރިޔަށް ގެންދެވުނު މި ބައްދަލުވުމުގައި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވޭނެ ގިނަކަންތައްތަކެއް ހިމެނެއެވެ.
މަޝްވަރާ ބައްދަލުވުމުގައި އަލިއަޅުވާލި ކަންތައްތައް:
- ބޭންކިންގ ސިސްޓަމްގެ ތެރެއިން ކައުންސިލުތަކަށް ފައިނޭންސް ލިބޭނޭ ގޮތް ފަހިކޮށްދިނުން
- އަތޮޅު ފިހާރަތަކުން ލިބޭ ކުލި ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް ޖަމާކުރުން
- ކައުންސިލުގެ ބްލޮކް ގްރާޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތައަކީ ހަމައެކަނި އެ ކޮމިޓީން ހިންގަން ބޭނުންވާ ޙަރަކާތްތަކަށް ޚާއްޞަކުރެވޭ އެއްޗަކަށް ހެދުން
- ކައުންސިލުތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލަށް ހެޔޮ ބަދަލެއް ގެނައުން
- ލޯކަލް އޮތީރިޓީ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ފައިނޭންސް ކުރާނެ ފަރާތްތައް ހޯދައިދިނުމުގެ ކަންކަން ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު ތަންފީޒުކުރުން
މި މަޝްވަރާ ބައްދަލުވުން ކުރިޔަށްގެންގޮސްފައި މިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހުތަކެއް ގެނައި ދުވަހެއްގައެވެ. މި ޤާނޫނަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން ހުށަހެޅި އިސްލާހުތައް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ.
މި އިސްލާޙުގައި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރުމަށް ލާޒިމް ކުރެއެވެ. ހަމައެހެންމެ، އެ މުއްދަތުގައި ކައުންސިލުގެ އިޙުތިޞާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށާއި، ކުރިން ޕްލޭން ނުކުރާ ތަރައްޤީގެ މަޝްރޫއުތައް ވެސް އެ މުއްދަތުގައި ނުފެށޭގޮތަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން މި އިސްލާޙުތައް ބާރު އަޅަނީ ދައުރު ހަމަވާން ކައިރިވާއިރު ސިޔާސީ މަންފާއަށް ވަޒީފާތަކަށް މީހުން ނެގުމާއި ބިމާއި ފަޅުން ހޯދާ ނާޖާއިޒް ފައިދާތައް ހުއްޓުމަކަށް ގެނައުމަށްކަމަށް ސަރުކާރުގެ ފަރާތުން ހާމަކުރެއެވެ.
ހަމައެއާއެކު، މި އިސްލާޙުތަކާ ގުޅިގެން ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދާފައިވާ ރަށްރަށުގައި، އަމިއްލަ ފަރާތަކުން ކުރަމުންދާ އިޤުތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް، އެ ކުންފުނި މެދުވެރިކޮށް އެ ރަށެގައި ނުހިންގޭނެއެވެ. އަދި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ރައްޔިތުންނަށް އަސާސީ ޚިދުމަތް ދިނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިމަކުން ނުވަތަ އިމާރާތަކުން ވެސް ކުއްޔެއް ނުނެގޭނެއެވެ.