ޚަބަރު
ބިދޭސީންނާ ގުޅޭ މައްސަލަތަކުގެ 1 ބިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތައް މިހާތަނަށް ހޯދައިދެވިއްޖެ: ވަޒީރު އިޙްސާން
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: ރައީސް އޮފީސް
ޖޫން އެއްވަނަ ދުވަހުން ފަށައިގެން ބިދޭސީންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 1 ބިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތަށް ހޯދައިދެވިއްޖެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިޙްސާން މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ބިދޭސީންނާ ގުޅޭ އެކިއެކި ފީތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މިހާތަނަށް ކުރިއަށްގެންދިޔަ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ހާސިލްވެފައިވާކަމަށެވެ.
އެގޮތުން އަހަރުގެ މިހާތަނަށް ބިދޭސީންގެ ފީތަކުން ނުލިބިވާ ފައިސާގެ ތެރެއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައި ދައުލަތުގެ ބައިތުލްމާލަށް ޖަމާކޮށްފައިވާކަން ވަޒީރު އިޙްސާން ވަނީ ފާހަގަކުރައްވައިފައެވެ.
ބިދޭސީންގެ ވަރކްޕާމިޓް ފީ އާއި ވިސާފީގެ އިތުރުން ކޯޓާ ފީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބެންޖެހޭކަމަށް ޖޫންމަހުގެ ތިންވަނަ ދުވަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވަނީ ވިދާޅުވެފައެވެ.
އިޙްސާން ވިދާޅުވީ މިއަދުގެ މިހާތަނަށް އައިރު، ބިދޭސީންނާ ގުޅޭ ފީތަކުން ދައުލަތަށް ނުލިބިވަނީ 703.7 މިލިއަން ރުފިޔާ ކަމަށެވެ.
ފައިސާ ނުދައްކާ ފަރާތްތައްވާނީ އެކްސްޕެޓްސިސްޓަމުން ބްލޮކްކޮށް އެމީހުންނަށް ޚިދުމަތް ދިނުންވެސް ހުއްޓާލާފައި ކަމަށާއި، ފައިސާ ދެއްކުމުން އެމީހުންނަށް އަނެއްކާވެސް ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހިގެން ދާނެކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ބިދޭސީންގެ ކަންކަން ހަމަމަގަށް އެޅުވުމަށް މިހާރު ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 6891 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާތައް ނަގައި ރައްކާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 82 ރަށެއްގައި އުލޭ ބިދޭސީންގެ މަޢުލޫމާތު ނަގާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވީ މިހާރު ކުރިއަށްދާގޮތަށް އޮޕަރޭޝަން ދާނަމަ، އަންނަ އަހަރުގެ ޖެނުއަރީމަސް ނިމެންވާއިރަށް ބިދޭސީންގެ މަޢުލޫމާތުތައް ނަގައި ނިންމާލެވޭނޭ ކަމަށެވެ.