ޚަބަރު
ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުންގެ މައްޗަށް ދަޢުވާކުރުމާ މެދު މަޝްވަރާކުރަނީ

ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ---
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން އިޙުމާލުވެފައިވާކަމަށް ބެލެވޭތީ ފުލުހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށް މަޝްވަރާ ފަށައިފިއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިޙުމާލު އޮތްކަމަށް ތުހުމަތު ކުރަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ހިންގި ތަޙުޤީޤަށްފަހުއެވެ. އެހެންކަމުން މި މައްސަލާގައި ފުލުހުންގެ މައްޗަށް ދަޢުވާކުރުމާ މެދު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާ މަޝްވަރާ ފަށާފައިވަނީ ވެސް އެންއައިސީއިންނެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތުގެ ތަޙުޤީޤު ނިންމުމަށްފަހު އެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށެވެ. އަދި މި މައްސަލައިގެ ބާވަތަށް ބެލުމަށްފަހު، ފުލުހުންގެ މައްޗަށް ދަޢުވާކުރުމާމެދު ވަރަށް ސީރިއަސްކޮށް ވިސްނާކަމުގައި މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެންއައިސީއިން މި މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ މައްޗަށް އެންއައިސީއިން ކުރާ ތުޙުމަތުތަކުގެ ތެރޭގައި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ގޮތަކަށް ޢަމަލު ކުރުމާއި، ޢަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސް އެޅުމާއި، ދަޢުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހިމެނެއެވެ.
މި މައްސަލާގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކުރީ، ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަޚަމްތަކަކާ ގުޅިގެން ކަމަށެވެ. އެގޮތުން ކަރުގެ ވާތްފަރާތުގައި ފުންކޮށް ތިން ޒަޚަމެއް އަދި ކަނާތްފަރާތުގައި ފުން ދެ ޒަޚަމެއް ހުރިކަމަށް ވެއެވެ. އަދި ކަރުގެ މެދުގައި ތިލަކޮށް ހުރި ޒަޚަމުގެ އިތުރުން، އިތުރު އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ވަނީ ހާމަކޮށްފައެވެ.
މިހާގިނަ ޒަޚަމްތަކެއް ހުރި ނަމަވެސް، އެއީ މީހަކު ދިން އަނިޔާތަކެއްކަން ބެލެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާކަމަށް ވެސް ހާމަކޮށްފައި ވެއެވެ.
ނަމަވެސް ޒަކިއްޔާގެ ޢާއިލާއިން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައި ވެއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ މީހުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިހުސާނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އިސްވެރިން ވެސް ވަނީ މީގެ ކުރިން އެ ރަށަށް ވަޑައިގެންފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ މަހު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރެއްވެވި ޒިޔާރަތުގައި ވެސް ޒަކިއްޔާގެ ޢާއިލާއާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ޝަކުވާތައް އަޑުއެއްސެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅޭ ކަންކަމުގައި އިންސާފު ހޯދައިދޭން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމުގައެވެ.