ޚަބަރު
ގްރޭޓަރ މާލެ ކަނެކްޓިވިޓީ: މިހާތަނަށް %62 މަސައްކަތް ނިންމާލައިފި

ތިލަމާލެ ބްރިޖް މަސައްކަތް/ފޮޓޯ: ސަން އޮންލައިން
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ނުވަތަ މާލެ ތިލަފުށި ލިންކް ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް ސްކޯޕްގެ %62.14 މަސައްކަތް ނިންމާލެވިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވަނީ، މި މަޝްރޫޢުގެ ދަށުން ޖުލައި މަހުގެ ނިޔަލަށް މަސައްކަތްތައް ގޮސްފައިވާ ހިސާބާއި މަސައްކަތްތައް ނިންމަންޖެހޭ ހިސާބަށް ނުނިމި ލަސްވެފައިވާ ސަބަބުތައް ހިއްސާކުރައްވާފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ރޭވިފައިވާ ސެގްމެންޓް-އޭ (މާލެއިން ގުޅީފަޅާއި ހަމައަށް) %77.82 މަސައްކަތް މިއަދާ ހަމައަށް ނިންމިފައިވާން ޖެހޭނެއެވެ. ނަމަވެސް، މިހާތަނަށް ނިންމިފައިވަނީ %59.81 މަސައްކަތްކަން ފާހަގަކުރައްވާ މިއީ %18 ގެ ލަސްވުމެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ރޭވިފައިވާ ސެގްމެންޓް-ބީ (ގުޅިފަޅުން ތިލަފުށްޓާ ހަމައަށް) މަސައްކަތް އުޅެނީ ރާވާފައިވާ މިންވަރަށް ވުރެ ކުރީގައިކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، %34.46 މަސައްކަތް ނިންމުމަށް ޝެޑިއެލް ކުރެވިފައިވީ ނަމަވެސް %38.37 މަސައްކަތް މިހާތަނަށް ނިމިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ ބޮޑު މަޝްރޫޢެއް ކުރިއަށްދާއިރު ދުރާލާ ރާވަންޖެހޭ ކަންތައްތައް މަސައްކަތު ތާވަލާއި އެއްގޮތަށް ރޭވިފައި ނުވުމުގެ ސަބަބުން މަސައްކަތް ލަސްވެފައިވާ ކަމަށެވެ. އެގޮތުން، ޕައިލިންގެ މަސައްކަތް ނިމެމުންދާއިރު ޕައިލްކެޕް މަސައްކަތަށް ތައްޔާރުވެފައި ނުވުމުގެ ސަބަބުން އެ މަސައްކަތް ފެށުން ލަސްވެފައިވާކަމަށް އެ ވުޒާރާއިން ވިިދާޅުވިއެވެ. ހަމަ މިއާއެކު، ޕައިލިންގެ މަސައްކަތަށް ގެނެވުނު ޕްލެޓްފޯމު "ރުމެއިލާ" އަކީ މިފަދަ މަޝްރޫޢެއްގެ ޕައިލިންގ މަސައްކަތަށް ބޭނުންކުރުމަށް އެންމެ އެކަށޭނެ ޕްލެޓްފޯމަކަށް ނުވުމުން އަލުން އެހެން ޕްލެޓްފޯމެއް ގެނައުމަށް ގިނަ ދުވަސް ހޭދަވެފައިވާކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މަސައްކަތް ލަސްވެފައިވާ ބައެއް ސަބަބުތައް:
- ޕައިލްތަކުގައި އެނޯމެލީސް ހުރުމާއެކު މިކަންކަން ޙައްލުކުރުމަށް ދިގު މުއްދަތެއް ހޭދަވުން.
- ޕިއާރ ހެޑްގެ މަސައްކަތް ނިންމުމަށް ޝެޑިއުލްކުރި ވަރަށް ވުރެ ދިގު މުއްދަތެއް ހޭދަވުން.
- ސެގްމެންޓް ކާސްޓިންގއަށް ބޭނުންވާ މޭންޕަވަރ މަދުވުމުގެ ސަބަބުން ކާސްޓިންގ މަސައްކަތް ލަސްވުން.
- ސެގްމެންޓް އިންސްޓޯލްކުރުމަށް ޝެޑިއުލް ކުރެވުނު މުއްދަތަށް ވުރެ މަސައްކަތް ލަސްވުން.
- މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ފަދަ ބައެއް މެޓީރިއަލް ގެނައުމުގައި ލަސްވުން.
އިމާރާތްކުރުމާއި ގެދޮރިވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ، މި މަސައްކަތްތައް އަވަސްކުރުމަށް ކޮންޓްރެކްޓަރއަށް ކޮށްދެވުނު ކަންތައްތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ކޮންޓްރެކްޓަރގެ ކޭޝްފްލޯ ރަނގަޅުކުރުމަށް ރިޓެންޝަނަށް ބޭނުންވާ ފައިސާ ދޫކޮށްދިނުމަށް އެދުމުން، ސަރުކާރުން ވަނީ ފައިސާ ދޫކުރުމަށް އިންޑިއާ ސަރުކާރުގެ ނޯ އޮބްޖެކްޝަނަކަށް އެދިފައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ނަމަވެސް، މި ފައިސާ ލިބުން ލަސްވުމާއި، މަސައްކަތް ގޮސްފައިވާ ހިސާބު ވަރަށް ބޮޑަށް ލަސްވެފައިވުމުގެ ސަބަބުން އެ ވުޒާރާއިން އެކިފަހަރު މަތިން ކޮންޓްރެކްޓަރއަށް ރިވައިޒް ވާކް ޕްރޮގްރާމެއް ހުށައެޅުމަށް ވަނީ އަންވާފައެވެ.
މީގެ އިތުރުން، ކޮންޓްރެކްޓަރުން މިހާތަނަށް މި މަޝްރޫޢުގެ ކޮންސަލްޓަންޓަށް އެޕްރޫވްކުރެވޭނެ ވާކް ޕްރޮގްރާމެއް ހުށައަޅާފައިނުވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެހެންކަމުން، ދެން ރިޓެންޝަން ފައިސާ ދޫކުރެވޭނީ އެއްވެސް ޝަރުތަކާއި ނުލާ ކޮންޓްރެކްޓަރގެ ފަރާތުން ހުށައަޅާފައިވާ ކްލެއިމްސްތައް ނެގުމާއިއެކު ރިވައިޒް ވާކް ޕްރޮގްރާމެއް ހުށައެޅުމުންކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ކޮންޓްރެކްޓަރުންނަށް ދިމާވާ އެކިއެކި ދަތިތަކަށް އެ ވުޒާރާއާއި ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތްކޮށް ޙައްލު ހޯދައިދީފައިވާ ކަމަށެވެ.